ޚަބަރު

އޮމާން ބަލިކޮށް ކޮރެއާއަށް ހިތްހަމަޖެހުމެއް


2026 ވަނަ އަހަރު އެމެރިކާ ބައްރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި އޮމާނާއި ދެކޮޅަށް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ދެކުނު ކޮރެއާއިން ކާމިޔާބުކޮށްފިއެވެ.

މަސްކަޓްގެ ސުލްތާން ގަބޫސް ސްޕޯޓްސް ކޮމްޕްލެކްސްގައި ކުޅުނު މި މެޗަށް ކޮރެއާ ނިކުތްއިރު, ކޮލިފައިންގެ ފުރަތަމަ މެޗުގައި އެ ޓީމު ވަނީ އަމިއްލަ ގައުމުގައި ފަލަސްތީނާއި އެއްވަރުވެފަ އެވެ. އެހެންކަމުން މި މެޗު ކާމިޔާބުކޮށް އެ ޓީމަށް ލިބުނު ތިން ޕޮއިންޓަކީ މިވަގުތަށް އެ ޓީމަށް ވަރަށް މުހިންމު ނަތީޖާ އެވެ. މި މެޗުން މޮޅުވުމާއެކު ކޮރެއާއަށް ވަނީ ދެ މެޗުން ހަތަރު ޕޮއިންޓާއެކު ގްރޫޕް ބީ ގެ ދެވަނަ މަގާމް ލިބިފަ އެވެ. އެއްވަނައިގައި އޮތް ޖޯޑަން އަދި ތިންވަނައިގައި އޮތް އިރާގަށްވެސް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު ޖޯޑަން އަށް އެއްވަނަ ލިބިފައިވަނީ ޖެހި ގޯލުގެ ތަފާތުންނެވެ.

އިއްޔެ ކުޅުނު މި މެޗުގެ ދިހަ ވަނަ މިނިޓުގައި ކޮރެއާން ހްވެން ހީޗަން ވަނީ ލަނޑެއް ޖަހާ ކޮރެއާއަށް ކުރި ހޯދަދީފަ އެވެ. ނަމަވެސް ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ކޮރެއާން ޖުންގ ސިއުންހުން އަތުން ބައިކޮޅަށް ވަން ގޯލާއެކު މެޗުގެ ނަތީޖާ ވަނީ އެއްވަރު ވެފައެވެ.

މި މެޗުގައި ދެވަނަ ފަހަރަށް ކޮރެއާއަށް ކުރި ހޯދަދީފައިވަނީ 82 ވަނަ މިނިޓުގައި ސޮން ހިއުންމިން ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި އިތުރު ވަގުތުގެ ކުޅުމުގައި ޖޫ މިންކިއު ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފަ އެވެ.

ގްރޫޕް ބީ ގައި އިއްޔެ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ކުވެއިތާއި އިރާގު ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. އަދި ޖޯޑަން އިން ވަނީ ފަލަސްތީނު އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވެފަ އެވެ. މި މެޗު ކުޅެފައިވަނީ މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރުގަ އެވެ.