ކުޅިވަރު

ކާވާ ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕް: ރާއްޖެ އާއި ކިރްގިސްތާން ފައިނަލަށް


މާލޭގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕް 2024 ގެ ފައިނަލަށް ރާއްޖެ އާއި ކިރްގިސްތާން ދަތުރުކޮށްފިއެވެ.

މާދަމާގެ ނިޔަލަށް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި ހަތަރު ގައުމެއް ވާދަކުރާއިރު، އެ ގައުމުތަކަކީ ރާއްޖެ އާއި ކިރްގިސްތާނުގެ އިތުރުން ތަޖިކިސްތާން އަދި އަފްޣާނިސްތާނެވެ.

މުބާރާތުގެ ފައިނަލުގެ ޖާގައެއް ރާއްޖެއިން ހޯދީ މިރޭ ކުޅުނު ސެމީ ފައިނަލް ދެވަނަ މެޗުގައި ތަޖިކިސްތާން އަތުން 3-1 ސެޓުން މޮޅުވެގެންނެވެ. ލީގު ބުރުގައިވެސް ރާއްޖެއިން ވަނީ 3-1 ސެޓުން ތަޖިކިސްތާން ބަލިކޮށްފައެވެ. މިރޭ ކުޅުނު މެޗުގެ ފުރަތަމަ ސެޓު ރާއްޖެއިން 25-17 އިން ކާމިޔާބުކުރި ނަމަވެސް، ތަޖިކިސްތާނުން ވަނީ ދެވަނަ ސެޓު 25-22 އިން ގެންގޮސްފައެވެ. އެކަމަކު ޖެހިގެން އައި ދެ ސެޓުގައި ރާއްޖެއިން ކުޅުން ރަނގަޅުކޮށް، މޮޅު ކުޅުމެއް ދެއްކިއިރު، އެ ދެ ސެޓު ކާމިޔާބުކޮށްފައިވަނީ 25-12 އަދި 25-17 އިންނެވެ.

މި މޮޅާއެކު މުބާރާތުގެ ފައިނަލަށް ރާއްޖެ ދަތުރުކުރިއިރު، މީގެ ކުރިން 2019 ވަނަ އަހަރު ނޭޕާލްގައި ކުރިއަށްދިޔަ މި މުބާރާތުގެ ފައިނަލުގައިވެސް ރާއްޖެއިން ވަނީ ވާދަކޮށްފައެވެ. އެކަމަކު އެ ފަހަރުގެ ފައިނަލުން ރާއްޖެ ވަނީ ބަލިވެފައެވެ.

މީގެ އިތުރުން މި މުބާރާތުގެ ފައިނަލަށް ކިރްގިސްތާން ދަތުރުކުރީ މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗުގައި ސީދާ ތިން ސެޓުން އަފްޣާން ބަލިކޮށްގެންނެވެ. މި މެޗުގެ ސެޓުތައް ކިރްގިސްތާނުން ގެންދިޔައީ 25-21، 25-22 އަދި 25-19 އިންނެވެ.

މި ނަތީޖާތަކާއެކު މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި ރާއްޖެ އާއި ކިރްގިސްތާން ވާދަކުރާއިރު، ލީގު ބުރުގައި ރާއްޖެ ވަނީ ކިރްގިސްތާން އަތުން ސީދާ ތިން ސެޓުން ބަލިވެފައެވެ. އެކަމަކު އެ މެޗުގައި ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. މުބާރާތުގެ ފައިނަލް މެޗު މާދަމާރޭ ކުޅޭއިރު، ތިންވަނަ ހޮވާ މެޗުގައި މާދަމާ ހަވީރު ބައްދަލުކުރާނީ ތަޖިކިސްތާނާއި އަފްޣާނެވެ.