ނެދަލެންޑްސްގެ ފޯވާޑް މެމްފިސް ޑިޕާއީ، ބްރެޒިލްގެ ކުލަބު ކޮރިންތިއަންސްއަށް ބަދަލުވެއްޖެއެވެ.
ޑިޕާއީ، 30، ވަނީ ނިމިދިޔަ ސީޒަނަށްފަހު ފްރީ އޭޖެންޓެއްގެ ގޮތުގައި އެތުލެޓިކޯ މެޑްރިޑް ދޫކޮށްލުމަށްފަހު، ކޮރިންތިއަންސް އަށް ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގެ ތަފްޞީލް ހާމަކޮށްފައިނުވީނަމަވެސް، ބްރެޒިލްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޑިޕާއީގެ ކޮންޓްރެކްޓްގެ އަގު ގާތްގަނޑަކަށް 70 މިލިއަން ބްރެޒިލްގެ ރިއާލް (12.54 މިލިއަން އެމެރިކާ ޑޮލަރު) އަށް އަރާނެއެވެ.
ޑިޕާއީ ވަނީ އޭނާގެ ކްލަބު ކެރިއަރުގައި އެތުލެޓިކޯގެ އިތުރުން ބާސެލޯނާ އާއި މެންޗެސްޓާ ޔުނައިޓެޑްގެ އިތުރުން އޮލިމްޕިކް ލިޔޯން އަށް ވެސް ކުޅެފައެވެ. ނިމިދިޔަ ސީޒަނުގައި އޭނާ ވަނީ އެތުލެޓިކޯ އަށް ހުރިހާ މުބާރާތެއްގައި ކުޅުނު 31 މެޗުގައި ނުވަ ލަނޑުޖަހައިފައެވެ.
ނެދަލެންޑްސްގެ ޕީއެސްވީ އެއިންދޯވަން އިން ޕްރޮފެޝަނަލް ކެރިއަރު ފެށި ޑިޕާއީ ވަނީ މިހާތަނަށްއައިއިރު ކްލަބުތަކަށް 400 އަށްވުރެ ގިނަ މެޗު ކުޅެދީ، 150 އަށްވުރެ ގިނަ ލަނޑުޖަހައިފައެވެ.
އޭނާ ވަނީ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 98 މެޗުގައި 46 ލަނޑުޖަހައިފައެވެ. އެންމެ ފަހުން ނެގި ނެދަލެންޑްސްގެ ސްކޮޑުން ޖާގަ ނުލިބުނުނަމަވެސް، ކޯޗު، ރޮނާލްޑޯ ކޫމަން ވަނީ، ޑިޕާއީ އަށް އަދިވެސް ގައުމީ ޓީމަށް ކުޅުމުގެ ދޮރު ބަންދުނުވާ ކަމަށް ބުނެފައެވެ.
އެގޮތުން، ބްރެޒިލް ލީގަށް ބަދަލުވިޔަސް ގައުމީ ޓީމަށް ކުޅުމުގެ އުއްމީދުތަކަށް ހުރަސް ނާޅާނެ ކަމަށް ވެސް ކޯޗު، ކޫމަން ވަނީ ބުނެފައެވެ.
ކޫމަން ބުނީ، ނެދަލެންޑްސްގެ ފޯވާޑްލައިންގައި ކުރިން ފެނިގެންދިޔަ ސްޓީވެން ބާގްވިން، ދާދިފަހުން ސަޢުދީ ލީގަށް ބަދަލުވުމުން އެކަމާ އޭނާ ދެކޮޅު ހެދިކަމަށާއި، އެކަމަކު ޑިޕާއީގެ ޓްރާންސްފާ މުޅިން ތަފާތު ކަމަށެވެ.
ބްރެޒިލް ލީގަކީ ތަފާތު ފެންވަރެއްގެ ލީގެއް ކަމަށާއި، އެހެންކަމުން އަދިވެސް ޑިޕާއީ އަށް ގައުމީ ޓީމަށް ކުޅުމުގެ ފުރުޞަތު އެބައޮތް ކަމަށް ކޫމަން ބުންޏެވެ. އެކަމަކު، އެ ހުރިހާ ކަމެއް ބިނާވެގެންދާނީ އޭނާގެ ފިޓްނަސް އާއި ކުޅުމުގެ ފެންވަރުގެ މައްޗަށް ކަމަށް ވެސް ކޫމަން ފާހަގަކުރިއެވެ.