އިނގިރޭސި ގައުމީ ޓީމަށް ކުޅޭ 100 ވަނަ މެޗަށް މިރޭ އެޓީމުގެ ކެޕްޓަން ހެރީ ކޭން ނިކުންނާނެ އެވެ.
އުމުރުން 31 އަހަރު ކޭން މިރޭ ފިންލޭންޑާއި ދެކޮޅަށް ވެމްބްލީ ސްޓޭޑިއަމްގައި ނިކުންނައިރު, އޭނާ ވެގެންދާނީ އިނގިރޭސި ގައުމީ ޓީމަށް 100 މެޗު ކުޅޭ 10 ވަނަ ކުޅުންތެރިޔާ އަށެވެ. އިނގިރޭސި ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔަކީ 125 މެޗު ކުޅެފައިވާ ޕީޓަރ ޝިލްޓަން އެވެ. ދެވަނައިގައި 120 މެޗާއިއެކު ވޭން ރޫނީ އޮތްއިރު ތިންވަނައިގައި އޮތީ 115 މެޗު ކުޅެފައިވާ ޑޭވިޑް ބެކަމް އެވެ.
2015 ވަނަ އަހަރު ގައުމީ ޓީމަށް ކުޅެން ފެށި ކޭން އަކީ އިނގިރޭސި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ގައުމީ ޓީމަށް ކުޅުނު 99 މެޗުގައި 66 ލަނޑު ޖަހާފަ އެވެ.
ގައުމީ ޓީމަށް 100 މެޗު ހަމަވާއިރު ކޭން ބުނެފައިވަނީ އިނގިރޭސި ފުޓްބޯޅައިގެ ތާރީޚުގައި އެންމެ ވަރުގަދަ ކުޅުންތެރިންގެ ލިސްޓުގައި އޭނާގެ ނަންވެސް ހިމެނިގެންދާތީ އެކަމާއި އުފާ ކުރާ ކަމަށާއި ދެން އޭނާ ބޭނުންވަނީ ގައުމީ ޓީމަށް 100 ގޯލު ޖަހައިދޭން ކަމަށެވެ. އަދި އެއީ ނުވާނެ ކަމެއް ނޫން ކަމަށްވެސް ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުންދާ ކޭން ވަނީ ބުނެފަ އެވެ.
ކޭން އިތުރަށް ބުނެފައިވަނީ އޭނާއަށް އަދި 31 އަހަރު ކަމަށާއި އަދި ރަގަޅު ފެންވަރުގައި ކުޅެވޭނެ ކަމަށް ގަބޫލުކުރާ ކަމަށާއި ކްރިސްޓިއާނޯ ރޮނާލްޑޯ 39 އަހަރުގައި ގައުމީ ޓީމަށް 900 ލަނޑު ޖެހިތަން ފެނުމުން އެކަމުން އޭނާއަށް ހިތްވަރު ލިބިފައިވާ ކަމަށްވެސް ކޭން ވަނީ ބުނެފަ އެވެ.
ކޭން ގައުމީ ޓީމަށް ޖަހައިދީފައިވާ 66 ލަނޑުގެ ތެރެއިން 29 ލަނޑަކީ ވޯލްޑް ކަޕާއި ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޖަހާފައިވާ ލަނޑުތަކެވެ. ވޯލްޑްކަޕްގައި 11 ލަނޑު ޖަހާފައިވާއިރު އޭނާ ވަނީ ޔޫރޯ ގައި 18 ލަނޑު ޖަހާފަ އެވެ.