ކުޅިވަރު

އިސްރާއީލް ބަލިކޮށް އިޓަލީގެ ފުރިހަމަ ފެށުން ކުރިއަށް


ޔުއެފާ ނޭޝަންސް ލީގުގައި ރަށުން ބޭރުގައި 1-2 ގެ ނަތީޖާއަކުން އިސްރާއީލް ބަލިކޮށް، އިޓަލީން ދެވަނަ މޮޅު ހޯދައިފިއެވެ.

މިއާއެކު، އިޓަލީން ވަނީ މި ގްރޫޕުގައި މިހާތަނަށް ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ހޯދައި، އެއްވަނައިގައި ހަމަޖެހިލައިފައެވެ. ދެވަނައިގައި އޮތް ފްރާންސާއި، ތިނެއްގައި އޮތް ބެލްޖިއަމަށް ދެ މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. ފުލުގައި އޮތް އިސްރާއީލަށް ޕޮއިންޓެއްނުލިބެއެވެ.

އިޓަލީން މި މެޗަށް ނިކުތީ އެންމެ ފަހުން ރަށުން ބޭރުގައި ފްރާންސް އަތުން 3-1 އިން މޮޅުވި މެޗުގެ ފުރަތަމަ އެގާރައަށް ފަސް ބަދަލެއް ގެނެސްގެންނެވެ. އެގޮތުން، އެ މެޗުގައި އަނިޔާވި، އާސެނަލްގެ ޑިފެންޑަރު، ރިކާޑޯ ކަލަފިއޯރީ އާއި ޖިއޮވާނީ ޑި ލޮރެންޒޯގެ އިތުރުން އަންދްރެއާ ކަމްބިއާސޯގެ ބަދަލުގައި ކޯޗު، ލޫސިއާނޯ ސްޕަލެއްޓީ ވަނީ އަލެސެންދްރޯ ބުއެންޖިއޯނޯ، ފެޑެރީކޯ ގައްޓީ އާއި ރާއުލް ބެލަނޯވާ އަށް ފުރަތަމަ އެގާރައިން ފުރުޞަތު ދީފައެވެ. މީގެއިތުރުން، އެ މެޗުގައި އެ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ފޯވާޑް، މަޓެއޯ ރެޓޭގީގެ ބަދަލުގައި އިސްރާއީލާ ދެކޮޅަށް ނެރެފައިވާ އެގާރައިގައި ކުޅުނީ މޮއިސް ކީން އެވެ.

ހަންގޭރީގެ ބުޑަޕެސްޓްގައި ހުންނަ ބޮޒްސިކް އެރީނާގައި ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމެން ހަތް މިނެޓަށްވެފައިވަނިކޮށް އިޓަލީން ލީޑްނެގީ ޑެވިޑޭ ފްރަޓޭސީ ކާމިޔާބުކުރި ގޯލުންނެވެ. އޭނާ މި ލަނޑުޖެހީ ފެޑެރީކޯ ޑި މާކޯ ދިން ބޯޅައަކުންނެވެ. މިއީ އިޓަލީގެ ކޯޗު، ސްޕަލެއްޓީގެ އިރުޝާދުގެ ދަށުން ފްރަޓޭސީ ޖެހި ހަވަނަ ގޯލެވެ.

މެޗުގެ 62 ވަނަ މިނެޓުގައި އިޓަލީގެ ދެވަނަ ލަނޑުޖަހައިދިނީ ކީން އެވެ. މިއީ އެ ޓީމުގެ ފޯވާޑް، ޖިއަކޮމޯ ރަސްޕަޑޯރީ ފޮނުވާލި ހަމަލާއެއް އިޒްރޭލްގެ ގޯލްކީޕަރު، ޔޯވް ގެރާފީ މަތަކުރުމުން ދެވަނަ ފަހަރަށް އެ ބޯޅަ ކީން އަށް ލިބުމުން އޭނާ ކާމިޔާބުކުރި ގޯލެކެވެ. މިއީ ގައުމީ ޓީމަށް އޭނާ ޖަހައިދިން ފަސްވަނަ ލަނޑެވެ.

މި މެޗުގައި އިސްރާއީލުން ޖެހި ހަމައެކަނި ލަނޑު، 90 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުޙައްމަދު އަބޫ ފާނީ އެވެ. މިއީ އިސްރާއީލަށް ލިބުނު ކޯނަރެއްގެ އެހީގައި އިޓަލީގެ ކުޅުންތެރިންނަށް ސަލާމަތްނުކުރެވުނު ބޯޅައެއް ޕެނަލްޓީއޭރިޔާ ރޮނގުކައިރިން ފޮނުވާލި ހަމަލާއަކުން އަބޫ ފާނީ ކާމިޔާބުކުރި ގޯލެކެވެ.