ކުޅިވަރު

އެތުލެޓިކްސް އެސޯސިއޭޝަންގެ ހަރަކާތްތައް ކުރިއަށްދަނީ ވަޒީރުގެ އެހީތެރިކަމަކާއެކު: މުސްޠަފާ


އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހަރަކާތްތަކާއި ފަރިތަކުރުންތައް ކުރިއަށްދަނީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުގެ ވަރަށް ބޮޑު އެހީތެރިކަމަކާއެކުގައި އެ އެސޯސިއޭޝަންގެ ރައީސް މުސްޠަފާ މުޙައްމަދު ވިދާޅުވެއްޖެއެވެ. މުސްޠަފާ މިހެން ވިދާޅުވީ ކުރިއަށް އޮތް ސައުތު އޭޝިއަން އެތުލެޓިކްސް ޖޫނިއާ ޗެމްޕިއަންޝިޕުގައި ވާދަކުރާ ދިވެހި ޓީމާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައެވެ.

މާދަމާއިން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް އިންޑިއާގެ ޗެންނާއީގައި ކުރިއަށްދާ ހަތަރުވަނަ ސައުތު އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ވާދަކުރާ ގައުމީ އެތުލެޓިކްސް ޓީމަށް ހިތްވަރު ދިނުމަށް އާދީއްތަ ދުވަހުގެރޭ "މީރުމާ" ގައި ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން މުސްޠަފާ ވިދާޅުވީ އެތުލެޓިކްސް އެސޯސިއޭޝަނުގެ ހަރަކާތްތަކާއި، ފަރިތަކުރުންތައް ކުރިއަށްދަނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއެކުގައި ކަމަށެވެ. އެގޮތުން ޚާއްސަކޮށް ވަޒީރު ރާފިޢު ދެއްވާ އެހީތެރިކަން ފާހަގަކޮށްލެވޭ ކަމަށާއި، ވަޒީރު ދެއްވާ ނަސޭހަތްތައް ބަލައިގަންނަ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

"ހަމަ އެއާއެކު އެތުލީޓުންގެ ބެލެނިވެރިންނާއި ކޯޗުން ކުރާ މަސައްކަތްތައްވެސް އަޅުގަނޑު ފާހަގަކުރަން. އަދި އެއާއެކު އެތުލީޓުން އެ ކުރާ ހިތްވަރު ފާހަގަކުރަންޖެހޭ. އުއްމީދުކުރަނީ މި މުބާރާތުން ރަނގަޅު ވަނަތަކެއް ލިބިގެންދިޔުން." މުސްޠަފާ ވިދާޅުވިއެވެ.

ހަތަރުވަނަ ސައުތު އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް މާދަމާ ފަށާއިރު، އެ މުބާރާތުގައި ރާއްޖޭގެ 16 އެތުލީޓުން ވާދަކުރާނެއެވެ. އެއީ އަށް އަންހެން އެތުލީޓުންނާއި އަށް ފިރިހެން އެތުލީޓުންނެވެ. ދެކުނު އޭޝިއާގެ އެތުލެޓިކްސް ޗެމޕިއަންޝިޕް އެންމެ ފުރަތަމަ ބާއްވާފައިވަނީ ސްރީ ލަންކާ ކޮލަމްބޯގައި 2007 ވަނަ އަހަރެވެ. ދެން މުބާރާތް ބާއްވާފައިވަނީ 2013 ވަނަ އަހަރު އިންޑިއާގެ ރާންޗީ އަދި 2018 ވަނަ އަހަރު އަލުން ކޮލަމްބޯގައެވެ. އެ ތިން މުބާރާތުގައި ވާދަކޮށް ރާއްޖެއިން ވަނީ ފަސް މެޑެލް ހާސިލުކޮށްފައެވެ.