ޚަބަރު

ދޫހިމެރިގޭގައި ރޯވި އަލިފާން ނިއްވާލައިފި


ހ. ދޫހިމެރިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވާން ފަށައިފިއެވެ.

މި އަލިފާނުގެ ހާދިސާއާގުޅޭ ތަފްސީލް އެމްއެންޑީއެފުން އަދި ހާމަނުކުރައްވައެވެ. ނަމަވެސް ސޯޝަލް މީޑިއާގައި ދައުރުވާ ވޯޑިއޯތަކުން ފެންނަގޮތުގައި އެގޭގައި ވަނީ ވަރަށް ބޮޑަށް އަލިފާން ހިފާފައެވެ. އަދި ދުންތައް ވަނީ މުޅި ސަރަޙައްދަށް ފެތުރިފައެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި އަލިފާން ރޯވެފައިިވަނީ އެގޭގައި ހިންގާ ގާމަގު ނަމަކަށް ކިޔާ ކެފޭގެ ބަދިގޭގައެވެ. ތިން ފަންގިފިިލާއަށް ހަދާފައިވާ އެ ޢިމާރާތުގެ މަތީ ފަންގިފިލާތައް ހަދާފައި ވަނީ ދަނގަޑު ޓިނުންނެވެ.

އެ ސަރަހައްދުގައި ހަރަކާތްތެރިވާ ޕީއެސްއެމް ނިއުސްގެ މެންބަރުން މަޢުލޫމާތު ދޭގޮތުގައި އަލިފާންގަނޑު އަދިވެސް ދަނީ އިތުރަށް ފެތުރެމުންނެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތު ލިބިފައެއް ނުވެއެވެ. ނަމަވެސް ބައެއް ތަކެތި ގޮވާ އަޑު އިވުނުކަމަށް ނިއުސްޓީމުގެ މެންބަރުން މަޢުލުމާތު ދެއެވެ.

އަލިފާން ރޯވެފައިވާ ކެފޭއާ އިންވެގެންހުރި ގެއަށްވެސް އަލިފާނުގެ އަސަރުކޮށްފައިވާކަމަށް ނިއުސްޓީމުގެ މެންބަރުން މަޢުލޫމާތުދެއެވެ.

15:29 އަލިފާންގަނޑު ނިއްވާލުމަށް އަދި އެއްވެސްވަރެއްގެ ކުރިއެރުމެއް ނުފެނޭ. އަލިފާން ރޯވި ޢިމާރާތުގެ ފުރާޅު ބުރައިގެން ގޮސް، އިތުރަށް ހުޅުފަޅައިގެން ގޮސްފައިވާކަމަށާއި، އިންވެގެން ހުރި ޢިމާރާތަށް އަލިފާންގަނޑު ފެތުރެމުންދާކަމަށް ޕީއެސްއެމް ނިއުސްޓީމުގެ މެންބަރުންމަޢުލޫމާތުދޭ.

15:43 އެމްއެންޑީއެފުން ވިދާޅުވީ މިހާރު އަލިފާންގަނޑު އިތުރަށް ނުފެތުރޭގޮތް ހަދާފައިވާކަމަށް.

އެޗްޕީއޭއިން ވަނީ އަލިފާނުގެ ހާދިސާއާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންތައްތައް ހިއްސާކުރައްވާފައި.

15:55 އަޅުގަނޑުމެން މިތަނަށް ދިޔައިރުވެސް ދެ ފަންގިފިލާގައި އަލިފާން ވަނީ ހިފާފައި: އެމްއެންޑީއެފް

އެމްއެންޑީއެފުން ވިދާޅުވީ ފަޔަރަ އެންޑް ރެސްކިއު ޓީމުން އެސަރަޙައްދަށް ދިޔައިރުވެސް ދެ ފަންގިފިލާއަށް އަލިފާން ފެތުރި ތިންވަނަ ފަންގިފިލާގައިވެސް އަލިފާން ހިފަމުންދާކަމަށެވެ. އަދި އެހާ އަވަހަށް އަލިފާންގަނޑު ފެތުރުނީ އެ ކެފޭގައި ތެޔޮ ހުރުމުންކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މަގުމަތީގައި ތިބި ދެމީހަކަށް ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ. އެއީ ބިދޭސީ އަންހެނަކާއި ފިރިހެނެއްކަމަށް ފުލުހުން ވިދާޅުވިއެވެ.

16:18 މި ހާދިސާއާ ގުޅިގެން މިހާތަނަށް 50އަށްވުރެ ގިނަ މީހުން ރައްކާތެރި މާހައުލަށް ބަދަލުކޮށްފައިވާކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ. އެއީ ހުސް ބިދޭސީންކަމަށްވެސް އެންޑީއެމްއޭއިން ވިދާޅުވިއެވެ.


16:30 އެ ސަރަޙައްދުގައި ހަރަކާތްތެރިވާ ޕީއެސްއެމް ނިއުސް ޓީމު މެންބަރުން މަޢުލޫމާތުދޭގޮތުގައި މިހާރު އަލިފާންގަނޑު ވަނީ އެއްކޮށް ނިއްވާލާފައެވެ.