ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ފްރާންސް އަތުން ބަލިވެ، ބެލްޖިއަމް ކެޓުމުން އެކަމުގެ ހިތްދަތިކަމުން އަދިވެސް އަރައިގަނެވިފައިނުވާ ކަމަށް އެ ޓީމުގެ ކޯޗު، ޑޮމެނިކޯ ޓެޑެސްކޯ ބުނެފިއެވެ.
ޓެޑެސްކޯ މިހެން ބުނެފައިމިވަނީ މި ފަހަރުގެ ޔުއެފާ ނޭޝަންސް ލީގުގައި ފްރާންސާ ދެކޮޅަށް އެ ގައުމުގައި ކުޅެން ހަމަޖެހިފައިވާ މެޗުގެ ކުރީން ނޫސްވެރިންނާ ވާހަކަދައްކަމުންނެވެ.
ޓެޑެސްކޯ ވަނީ، ޔޫރޯގައި ފްރާންސް އަތުން ބަލިވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި އެމީހުންނަށް މާބޮޑަށް އިހުތިރާމްކުރުން ފާހަގަކޮށްފައެވެ.
މި ފަހަރުގެ ނޭޝަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ފްރާންސާ ދެކޮޅަށް ބެލްޖިއަމް ނިކުތުމަށް ހަމަޖެހިފައިވާއިރު، މި މެޗުގައި ދެ ޓީމު ބައްދަލުކުރަނީ އެންމެ ފަހުގެ ޔޫރޯގައި ފްރާންސް އަތުން ބެލްޖިއަމް 1-0 އިން ބަލިވިތާ ގާތްގަނޑަކަށް 70 ދުވަސް ފަހުންނެވެ.
"ޔޫރަޕިއަން ޗެމްޕިއަންޝިޕްގައި ފްރާންސާ ދެކޮޅަށް ކުޅުނު މެޗު ފެނުނީ ވަރަށް ވާދަވެރިކޮށް. އަހަރެމެންނަށް ވެސް އެ މެޗު ކާމިޔާބުކުރެވުނީސް،" ޓެޑެސްކޯ ބުންޏެވެ.
އެ މެޗުން ބެލްޖިއަމް ބަލިވީ، ފްރާންސުން އޭނާގެ ޓީމަށް ވުރެ ކުޑަކޮށް ރަނގަޅުވުމުން ކަމަށާއި، އެ ޓީމަށް އެ މޮޅު ހައްގު ކަމަށް ވެސް ޓެޑެސްކޯ ބުނެފައިވެއެވެ. އަދި އޭނާގެ ޓީމަށް ވެސް އެ މެޗު ކާމިޔާބުކުރުމުގެ ފުރުޞަތު ލިބިގެންދިޔައިރު، އެ މެޗުގެ ކަންތައް ހިނގައިދިޔަ ގޮތް އަދިވެސް ހިތުން ފިލައިގެންނުދާ ކަމަށް ވެސް ޓެޑެސްކޯ ބުންޏެވެ.
"އަބަދުވެސް ފަހަތަށް ބެލުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން. އަހަރެމެން ހިތްވަރާއެކު މަސައްކަތްކުރާންޖެހޭ، ވާދަވެރި މެޗެއްގައި ފްރާންސް ބަލިކުރިތާ ވަރަށް ގިނަ ދުވަސްވެއްޖެ. ރަނގަޅަށް ކުޅެފިއްޔާ ދެން ހުރިހާ ކަމެއް ރަނގަޅުވާނެ." ޓެޑެސްކޯ ބުންޏެވެ.
ޓެޑެސްކޯ ބުނީ، އެންމެ ފަހުގެ ޔޫރޯގައި އެ ދެ ޓީމު ބައްދަލުކުރި މެޗާއި ކުރިއަށް އޮތް މެޗު ވަރަށް ބޮޑަށް ތަފާތުވާނެ ކަމަށާއި، އޭރު ފެނިގެންދިޔައީ ނޮކްއައުޓް މެޗެއް ކަމަށެވެ. އޭރު އެންމެ ރަނގަޅަށް އޭނާގެ ޕްލޭނާ އެއްގޮތަށް ކަންތައް ނުދިޔަކަމަށާއި، އަބަދުވެސް އެންމެ ރަނގަޅަށް އިދިކޮޅު ޓީމު އެނަލައިޒްކުރާން ވާނެ ކަމަށެވެ. އެކަމަކު، އެ ފަހަރު އެކަންތައް ވެސް އެންމެ އެކަށޭނަ ގޮތަށް ނުކުރެވުނުކަން ވެސް ޓެޑެސްކޯ އިތުރަށް ފާހަގަކުރިއެވެ.
މިއަހަރުގެ ނޭޝަންސް ލީގުގައި ބެލްޖިއަމް ވަނީ ކުޅުނު ފުރަތަމަ މެޗުން އިޒްރޭލްގެ މައްޗަށް 3-1 އިން ކުރިހޯދާފައެވެ. ސަލާމަތީ ސަބަބުތަކަށްޓަކައި ހަންގޭރީގައި ކުޅުނު މި މެޗުގައި ބެލްޖިއަމް ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ.