ޚަބަރު

އިސްކަންދަރު ކޮށީގައި ރެސްޓޯރެންޓެއް ހުޅުވައިފި


ފުލުހުންނަށް، ރައްކާތެރިކަމާއެކީ، ހިންހަމަޖެހޭ މާހައުލެއްގައި އަގުހެޔޮކޮށް ޚިދުމަތް ފޯރޮކޮށްދެއްވުމުގެ ގޮތުން، "ޕޮލާޓޭ" ގެ ނަމުގައި އިސްކަންދަރު ކޮށީގައި ރެސްޓޯރެންޓެއް ރަސްމީކޮށް ހުޅުވައިފިއެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ޚާއްސަ ޙަފްލާއެއްގައި ޕޮލިސް ކޯޕަރޭޓިވްސް ސޮސައިޓީ، ޕޮލްކޯގެ "ޕޮލާޓޭ" ރެސްޓޯރަންޓް ރަސްމީކޮށް ހުޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދެވެ.

ފުލުހުންގެ ވެލްފެއަރ ކަންކަން ކުރިއަރުވައި ތަރައްގީ ކުރައްވަން "ޕޮލިސް ކޯޕަރޭޓިވްސް ސޮސައިޓީން"ން ގެންދަވަނީ، ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން، ޕުލުހުންނަށް ޚާއްސަ ފިހާރައް ހުޅުވުމާއި، ރެސްޓޯރެންޓެއް ހުޅުވުމަށް "ޕޮލްކޯ" އިން ގިނަ މަސައްކަތްތަކެއް ކުރައްވައި "ޕޮލާޓޭ"ގެ ނަމުގައި މިހާރު މިވަނީ 135 މީހުންގެ ޖާގައިގެ ފެންވަރު ރަނގަޅު ރެސްޓޯރަންޓެއް ހުޅުއްވާފައެވެ.

ޕޮލާޓޭ ރެސްޓޯރަންޓަކީ، ފުލުހުންގެ މަސައްކަތް ހުންނަގޮތުން އާންމުކޮށް ރެސްޓޯރަންޓް ތަކާއި ކެފޭތަކަށް ވަދެ އާއިލާއާއި ރައްޓެހިންނާއެކު ވަގުތު ހޭދަކޮށްލުމުގެ ފުރުސަތު އެފަރާތްތަކަށް ލިބިގެން ނުދާތީ، ގިނަ ވަގުތު ޚިދުމަތުގައި މަސައްކަތް ކުރައްވާ ފުލުހުންނަށް އަވަސް އަދި ކުޑަ އަގެއްގައި ޚިދުމަތް ލިބޭ ފަދަ ގޮތަކަށް ބައްޓަން ކުރެވިފައިވާ ރެސްޓޯރަންޓެކެވެ. އިސްކަންދަރު ކޮށީގައި މި ރެސްޓޯރަންޓް ހުޅުވިފައިވާއިރު، ފުލުހުންނާއި އެފަރާތްތަކުގެ އާއިލާގެ އިތުރުން، ފަނޑިޔާރުންނާއި، ސަރުކާރުގެ ބައެއް ވުޒާރާތަކުގެ އިސް ބޭފުޅުން އަދި ކޮންމެ މީހަކަށްވެސް ފުލުހަކާއެކު މިރެސްޓޯރެންޓަށް ވަދެވޭނެއެވެ.

ރެސްޓޯރަންޓް ހުޅުއްވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދު ވިދާޅުވީ، ޕޮލާޓޭ ރެސްޓޯރަންޓުގެ ސަބަބުން ޕޮލިސް ކޯޕަރޭޓިވްސް ސޮސައިޓީއަށް މާލީ ގޮތުން ފައިދާ ލިބި، ފުލުހުންންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެކަމަށާއި، މިފަދަ ވަސީލަތްތަކުގެ ބޭނުންހިފައި ވަޒީފާގެ ޒިންމާ ހެޔޮގޮތުގައި އަދާކުރުންމަތީ ތިއްބެވުމަށް ހުރިހާ ފުލުހުންނަށް މިނިސްޓަރ ވަނީ ނަސޭހަތްތެރިވެދެއްވާފައެވެ.

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފު ވިދާޅުވީ، ޕޮލްކޯގެ ފަރާތުން ފޯރުކޮށްދެއްވާ ރެސްޓޯރަންޓް ޚިދުމަތަކީ ވަރަށް މުހިންމު އެހާމެ ބޭނުންތެރިކަމެއް ކަމުގައި ފާހަގަކުރެއްވައި، ޕޮލްކޯ އުފެދުނު ފަހުން ފުލުހުންގެ ވެލްފެއަރ ކަންކަން ހަރުދަނާ ކުރެއްވުމަށް ގިނަ ކަންތައްތަކެއް ކުރެވިފައިވާކަމަށެވެ. ސީޕީ.އަރީފް ވިދާޅުވީ، މިރެސްޓޯރަންޓް ހުޅުވިގެން ދިޔުމުން ފުލުހުންގެ ކޯޕަރޭޓިވްސްއަށް ވެސް ފައިދާ ވަމުންދާނެކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ގިނަ އަދަދެއްގެ ފުލުހުން މަސައްކަތް ކުރައްވާ އޮފީސްތައް ހިމެނޭ އިމާރާތްތަކުގައި، ޕޮލާޓޭ ރެސްޓޯރަންޓްގެ އިތުރު ގޮފިތަށް ހުޅުވިގެން ދާނެކަމުގައިވެސް ސީޕީ ވިދާޅުވިއެވެ.

އަށް މިލިޔަނެއްހާ ރުފިޔާ ޚަރަދު ކޮށްގެން ފިހާރައެއްވެސް ހިމެނޭ ގޮތަށް ދެ ފަންގިފިލާއަށް ހަދާފައިވާ ޕޮލާޓޭ ރެސްޓޯރަންޓްގައި 30 މުވައްޒަފުން ހަރަކާތްތެރިވެއެވެ. މިހަފްލާގައި ޕޮލިސް ވެލްފެއަރ ފަންޑް ރަސްމީކޮށް ހުޅުއްވައި، ޕޮލިސް ވެލްފެއަރ ކޯޕަރޭޝަނުން އެފަންޑަށް އެއް މިލިޔަން ރުފިޔާ ވަނީ ހަދިޔާކޮށްފައެވެ.