ޚަބަރު

ޔޫއެސް އޯޕަން: ފްރިޓްޒް ބަލިކޮށް ސިނާ ޗެމްޕިއަންކަން ހޯދައިފި


އެމެރިކާގެ ނިއު ޔޯކުގައި ކުރިއަށްދިޔަ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސްގެ ޗެމްޕިއަންކަން އިޓަލީގެ ޔެނިކް ސިނާ ހޯދައިފިއެވެ.

ސިނާ މި އިވެންޓުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އެމެރިކާގެ ޓޭލާ ފްރިޓްސް ބަލިކުރުމަށްފަހުގަ އެވެ. އޭނާ މި މެޗުގެ ސެޓުތައް ކާމިޔާބުކޮށްފައިވަނީ 6-3, 604 އަދި 7-5 ގެ ނަތީޖާ އަކުންނެވެ.

ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި ހުރި ސިނާ މި މުބާރާތް ކާމިޔާބު ކުރުމާއިއެކު އޭނާއަށް ވަނީ ގިނަ ޝަރަފުތަކެއް ލިބިފައެވެ. އެގޮތުން އޭނާ ވެގެންގޮސްފައިވަނީ ޔޫއެސް އޯޕަން މުބާރާތް ކާމިޔާބުކުރި އިޓަލީގެ ފުރަތަމަ ކުޅުންތެރިޔާ އެވެ. މީގެ އިތުރުން މިއީ 1977 ވަނަ އަހަރު ގުއިލާމޯ ވިލާއަށް ފަހު އެއް ސީޒަނެއްގައި ގްރޭންޑް ސްލޭމް ދެ މުބާރާތް ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާ އެވެ. ސިނާ ވަނީ މިދިޔަ ޖެނުއަރީ މަހު ބޭއްވި އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަންވެސް ހޯދާފަ އެވެ.

އޮސްޓްރޭލިއަން އޯޕަން އަށްފަހު ހެދި ޑޯޕިން ޓެސްޓްތަކުން ސިނާ ޕޮޒިޓިވްވި ނަމަވެސް އޭނާއަށް ކުޅުމުގެ ފުރުސަތު ދީފައިވާތީ ބައެއް ފަރާތްތަކުން ވަނީ އެކަމަށް ފާޑު ކިޔާފަ އެވެ. އަދި ޔޫއެސް އޯޕަން މުބާރާތް ފެށެން މަދު ދުވަސް ކޮޅަކަށް ވެފައިވަނިކޮށް އޭނާގެ ސަސްޕެންޝަން އުވާލާ ސިނާވަނީ އެކަމުން ސަލާމަތް ވެފައެވެ.

ސިނާ އާއި ދެކޮޅަށް ފައިނަލުގައި ކުޅުނު އެމެރިކާގެ ޓޭލާ ފްރިޓްޒް އަކީ 21 އަހަރަށްފަހު މި މުބާރާތުގެ ފައިނަލުގައި ކުޅުނު ފުރަތަމަ އެމެރިކާގެ ކުޅުންތެރިޔާ އެވެ. 2003 ވަނަ އަހަރުގެ ޔޫއެސް އޯޕަން މުބާރާތް ކާމިޔާބުކުރި އެންޑީ ރޮޑިކް ވަނީ މި މެޗު ބެލުމަށް ގޮސްފަ އެވެ.