ޚަބަރު

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ފަށައިފި


  • ޗެކްޕޮއިންޓްތައް ގާއިމުކޮށް އުޅަނދުފަހަރު ބަލާ ފާސްކުރާނެ

  • ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްވެސްދަނީ ކުރަމުން

މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ވެހިކަލް ޗެކްޕޮއިންޓްތައް ގާއިމުކޮށް އުޅަނދުފަހަރު ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި ފުލުހުން ވިދާޅުވީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ވެހިކަލް ޗެކްޕޮއިންޓްތައް ގާއިމުކޮށް އުޅަނދުފަހަރު ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މަގުމަތީގެ ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރުމަށްވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފުލުހުން ވަނީ އުޅަނދު ބޭނުން ކުރުމުގެ ކުރިން ރައްކާތެރި ކަމުގެ ގޮތުން ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންކަން ފުރިހަމަތޯ ޔަގީން ކުރެއްވުމަށް އިލްތިމާސްކުރައްވާފައެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ފަށާފައިވާއިރު މިދުވަސްވަރު ގިނަ އެކްސިޑެންޓްތައް ހިނގާ ހިތާމަވެރި ހާދިސާތަކެއް އަންނަނީ ހިނގަމުންނެވެ. އެގޮތުން މާލެ އާއި ހުޅުމާލޭގައި މިދިޔަ ހަފުތާގައި ހިނގި ދެ އެކްސިޑެންޓެއްގައި ދެ ޒުވާނަކު ވަނީ ނިޔާވެފައެވެ. އަދި މާލޭގައިވެސް މިދިޔަ ހަފްތާގައިވެސް ވަނީ އެކްސިޑެންޓްތައް ހިނގާފައެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ފާއިތުވި 6 މަސް ދުވަހު އެކްސިޑެންޓްގެ 1907 މައްސަލަ ވަނީ ރިޕޯޓްކޮށްފައެވެ. ޖުލައި މަހު އެކަނިވެސް އެކްސިޑެންޓްގެ 210 މައްސަލަ ރިޕޯޓްކޮށްފައިވާއިރު ނިމުނު އޮގަސްޓް މަހު ވަނީ 204 މައްސަލަ ރިޕޯޓްކޮށްފައެވެ.