ކުޅިވަރު

އިންގްލަންޑުގެ މޮއީން އަލީ، ބައިނަލްއަގުވާމީ ކްރިކެޓުން ރިޓަޔާކޮށްފި


އިނގިރޭސިވިލާތުގެ އޯލްރައުންޑަރު މޮއީން ޢަލީ، ބައިނަލްއަގުވާމީ ކްރިކެޓުން ރިޓަޔާކޮށްފިއެވެ.

އުމުރުން 37 އަހަރުގެ މޮއީން އަލީ ރިޓަޔާކުރިކަން ހާމަކޮށްފައިވަނީ، ހޮނިހިރު ދުވަހު އިންގްލެންޑްގެ ނޫހެއް ކަމަށްވާ، ޑެއިލީ މެއިލްއަށް ދިން އިންޓަވިއުއެއްގައެވެ.

ބާމިންހަމް އަށް އުފަން، މޮއީން އަލީ ވަނީ، 2014 ވަނަ އަހަރުން ފެށިގެން ރިޓަޔާކުރުމާ ހަމައަށް އިންގްލެންޑަށް 68 ޓެސްޓް މެޗާއި، އެއްދުވަހުގެ ބައިނަލްއަގުވާމީ ކްރިކެޓްގެ 138 މެޗުގެ އިތުރުން ބައިނަލްއަގުވާމީ ޓްވެންޓީ20 ކްރިކެޓްގެ 92 މެޗު ކުޅެދީފައެވެ. މީގެތެރެއިން، އިންގްލެންޑަށް އެންމެ ފަހުން ބައިނަލްއަގުވާމީ ކްރިކެޓް މެޗެއް އޭނާ ކުޅުނީ މިދިޔަ ޖޫން މަހުގައެވެ.

"އަހަރެންނަށް މިހާރު 37 އަހަރު ވެއްޖެ، އަދި މި މަހު އޮސްޓްރޭލިއާ އާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ ސީރީޒް އަށް ނުނެގި،" މޮއީން އަލީ ބުންޏެވެ.

މޮއީން އަލީ ބުނީ، އިންގްލެންޑަށް މިހާތަނަށް ވަރަށް ގިނަ މެޗުތައް ކުޅެފައިވާ ކަމަށާއި، މިއީ އަންނަން އޮތް ޖީލުގެ ކުޅުންތެރިންނަށް އެ ފުރުޞަތު ދޭންވީ ވަގުތު ކަމަށެވެ. އޭނާ އަށް އަދާކުރަންޖެހުނު ދައުރު ފުރިހަމަކޮށްފައިވާ ކަމަށާއި، މިއީ ކުޅުން ހުއްޓާލަން އެންމެ ރަނގަޅު ވަގުތު ކަމަށް ވެސް މޮއީން އަލީ ބުންޏެވެ.

ޓްވެންޓީ20 ކްރިކެޓް މެޗެއްގައި އިންގްލެންޑްގެ ކެޕްޓަންކަން ކުރި އޭޝިއާ ދަރިކޮޅުގެ ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައިވާ، މޮއީން އަލީ ވަނީ ޓެސްޓް ކްރިކެޓްގައި ފަސް ސައްތަ އާއި އެއްދުވަހުގެ ބައިނަލްއަގުވާމީ ކްރިކެޓްގައި ތިން ސައްތަ ހަދާފައެވެ. އަދި ހުރިހާ ފޯމެޓެއް ހިމެނޭގޮތަށް މުޅިއެކު 366 ވިކެޓް ނަގާފައިވެއެވެ.

މޮއީން އަލީ ވަނީ، އިންގްލެންޑުން 2019 ވަނަ އަހަރު ބޭއްވި 50 އޯވަރުގެ ވޯލްޑް ކަޕާއި، 2022 ވަނަ އަހަރު ބޭއްވުނު ޓްވެންޓީ20 ވޯލްޑް ކަޕް ކާމިޔާބުކުރިއިރު އެ ޓީމުގައި ހިމެނިފައެވެ.

އިންގްލެންޑަށް ކުޅެމުން ޓުވެންޓީ20 ބައިނަލްއަގުވާމީ ކްރިކެޓްގައި މިހާތަނަށް އެންމެ އަވަސް ބައިސައްތަ ހެދި ކުޅުންތެރިޔާގެ ރެކޯޑް އޮތީ ވެސް މޮއީން އަލީ އަތުގައެވެ. އޭނާ ވަނީ 2022 ވަނަ އަހަރު ދެކުނު އެފްރިކާއާ ދެކޮޅަށް ކުޅުނު މެޗުގައި 16 ބޯޅައިން ފަންސާސް ލަނޑުހަދައިފައެވެ. މޮއީން އަލީ ވަނީ، ކްރިކެޓްގެ ބައިނަލްއަގުވާމީ ކެރިއަރާމެދު ފަޚުރުވެރިވާ ކަމަށް ބުނެފައެވެ.

ބައިނަލްއަގުވާމީ ކްރިކެޓް ކުޅުން ހުއްޓާލިނަމަވެސް، ފްރެންޗައިޒް ކްރިކެޓްގައި ކުޅުން ކުރިއަށްގެންދާނެ ކަމަށާއި، މުސްތަގުބަލުގައި ކޯޗިންގ އިން ކުރިއަށްދާން ގަސްދުކުރާ ކަމަށް ވެސް މޮއީން އަލީ ވަނީ ބުނެފައެވެ.