ޚަބަރު

އަޔަލަންޑުގެ މައްޗަށް އިނގިރޭސިން ކުރި ހޯދައިފި


ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް އެފްގެ ފުރަތަމަ މެޗުގައި ރިޕަބްލިކް އޮފް އަޔަލަންޑާ ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން އިނގިރޭސިން ކާމިޔާބުކޮށްފިއެވެ.

ސްކޮޓްލަންޑްގެ ޑަބްލިންގައި ކުޅުނު މި މެޗަކީ ޔޫރޯ ފުޓްބޯޅަ މުބާރާތަށްފަހު ކޯޗު ގެރެތް ސައުތުގޭޓް މަގާމުން އިސްތިއުފާ ދިނުމުން، ވަގުތީ ގޮތުން ކޯޗުކަމާއި ހަވާލުވެހުރި ލީ ކާސްލީގެ އިރުޝާދުގެ ދަށުން އިނގިރޭސިން ކުޅުނު ފުރަތަމަ މެޗެވެ. ކާސްލީ އަކީ އިނގިރޭސިވިލާތުގެ 21 އަހަރުން ދަށުގެ ޓީމުގެ ކޯޗެވެ. އަދި އޭނާ ވަނީ ވަގުތީ ގޮތުން ޓީމާއި ހަވާލުވެ ޒުވާން ޓީމުގެ ކުޅުންތެރިންނަށްވެސް ސީނިއާ ޓީމުން ފުރުސަތު ދީފައެވެ.

މި މެޗުގައި ފެނިގެންދިޔަ ދެ ލަނޑު އިނގިރޭސިންނަށް ކާމިޔާބު ކޮށްދިން ޑެކްލަން ރައިސް އާއި ޖެކް ގްރީލިޝް އަކީ ކުރިން އަޔަލަންޑަށް ކުޅެފައިވާ ދެ ކުޅުންތެރިންނެވެ. އޭގެ ތެރެއިން 2019 ވަނަ އަހަރު އިނގިރޭސިވިލާތަށް ކުޅެން ނިންމުމުގެ ކުރިން ޑެކްލަން ރައިސް ވަނީ އަޔަލޭންޑްގެ ސީނިއާ ޓީމަށް ތިން މެޗު ކުޅެފައެވެ.

މި މެޗުގައި އިނގިރޭސިން ޖެހި ފުރަތަމަ ލަނޑު މެޗުގެ 11 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޑެކްލަން ރައިސްއެވެ. މި ލަނޑު ޖެހުމަށްފަހު އޭނާ އުފާފާޅުކޮށްފައެއް ނުވެއެވެ. ނަމަވެސް މެޗުގެ 26 ވަނަ މިނިޓުގައި ދެވަނަ ލަނޑު ޖެހުމަށްފަހު ޖެކް ގްރީލިޝް ވަނީ އެކަން ސެލެބްރޭޓް ކޮށްފައެވެ. ނިމިގެންދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރި އިނގިރޭސި ޓީމުން އޭރުގެ ކޯޗު ސައުތު ގޭޓު, ގްރީލިޝްއަށް ފުރުސަތު ދީފައެއް ނުވެއެވެ.

މި މެޗުގައި އަޔަލަންޑަށް ވަނީ ލަނޑު ޖަހަން ރަގަޅު ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން މެޗުގެ ތިންވަނަ މިނިޓުގައި މޮލުމްބީއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ.

އަށް އަހަރަށްފަހު ގެރެތު ސައުތު ގޭޓާއި ނުލައި އިނގިރޭސިން ރޭ ކުޅުނު މެޗުގައި ދެއްކި ކުޅުމަކީ އުންމީދީ ކުޅުމެއް ކަމަށް ގިނަ ބަޔަކުވަނީ ބުނެފައެވެ. ނޭޝަންސް ލީގު ބީގެ ގްރޫޕް ދޭއްގައި ރޭ ގްރީސް އާއި ފިންލެންޑް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ގްރީސް ވަނީ ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނަ، ލަނޑުގެ ތަފާތުން ހޯދާފައެވެ.