ކުޅިވަރު

ހަންގޭރީ އަތުން ޖަރުމަނަށް ބޮޑު މޮޅެއް


ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް ސީގައި ރޭ އަމިއްލަ ދަނޑުގައި ހަންގޭރީ އަތުން 0-5 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޖަރުމަން މޮޅުވެއްޖެއެވެ.

ޑުސެލްޑޯފްގައި ރޭ ކުޅުނު މި މެޗުގައި ޖަރުމަނުން ޖެހި ފަސް ލަނޑުގެ ތެރެއިން ހަތަރު ލަނޑުޖެހީ ފަހު ހާފުގައެވެ. އަނެއް ލަނޑުޖެހީ ފުރަތަމަ ހާފުގައެވެ.

ރޭގެ މެޗުގައި ޖަރުމަނުން ލީޑްނެގީ 27 ވަނަ މިނެޓުގައި މިހާރު ވެސްޓް ހޭމް ޔުނައިޓެޑަށް ކުޅެމުންއަންނަ ފޯވާޑް، ނިކްލަސް ފުލްކްރުގް ކާމިޔާބުކުރި ލަނޑުންނެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިގެން 12 ވަރަކަށް މިނެޓުގެ ތެރޭގައި ޖަރުމަނުގެ ދެވަނަ ލަނޑުޖަހައިދިނީ ޖަމާލް މުސިއާލާ އެވެ. އަދި، އޭގެފަހުން މެޗުގެ 66 ވަނަ މިނެޓުގައި މުސިއާލާ ދިން ބޯޅައަކުން އެރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ފްލޯރިއަން ވާޓްޒް ވަނީ މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްލާފައެވެ.

ޖަރުމަނުގެ ހަތަރުވަނަ ލަނޑު، މެޗުގެ 77 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަލެކްސެންޑާ ޕަވްލޮވިޗް އެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީވެސް މުސިއާލާ އެވެ. މިއީ ގައުމީ ޓީމަށް ޕަވްލޮވިޗް ޖަހައިދިން ފުރަތަމަ ގޯލެވެ.

މި މެޗުގައި ޖަރުމަނުން ޖެހި ފަސްވަނަ ލަނޑު، 81 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކައި ހަވާޓްޒް އެވެ. އޭގެކުރީން، ހަވާޓްޒް ފޮނުވާލި ދެ ހަމަލާއެއް ގޯލުގެ ހުރަސްދަނޑިއަށް ވަނީ އަމާޒުވެފައެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ފެރޯ އައިލެންޑްސްއާ އުތުރު މެސެޑޯނިއާ ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. އަދި އަމިއްލަ ދަނޑުގައި ލެޓްވިއާ އަތުން އާމީނިއާ މޮޅުވީ 1-4 ގެ ނަތީޖާއަކުންނެވެ.