ޚަބަރު

ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ގާޒީ ސަސްޕެންޑްކޮށްފި


މަސްތުގެ ހާލަތުގައި ހުރިކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރެއްވި ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ގާޒީ އިބްރާހިމް ރަޝީދު މުއްދަތެއް ނެތްގޮތަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ސަސްޕެންޑްކުރައްވައިފިއެވެ.

ޖޭއެސްސީން ވިދާޅުވީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ގާޒީ އިބްރާހިމް ރަޝީދު، މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކުން އެކަހެރިކުރެއްވުމަށް ނިންމެވީ އޭނާއާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަހުގީގުކުރަމުންދާ މައްސަލައަކާއި ގުޅިގެންކަމަށެވެ.

މަސްތުގެ ހާލަތުގައި ހުރިކަމުގެ ތުހުމަތުގައި ފުލުހުން އިބްރާހިމް ރަޝީދު ހައްޔަރުކުރައްވާފައި ވަނީ މިދިޔަ އާދިއްތަ ދުވަހުގެރެއެވެ. އަދި ގާޒީ އިބްރާހިމް ރަޝީދު ހައްޔަރުކުރެއްވި އިރު އެނާ ހުންނެވި ދިމާލުން ބިންމަތިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ރަބަރު ޕެކެޓެއް ފެނިފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ބަންދުގެ މުއްދަތާއި މެދު ގޮތެއް ނިންމެވުމަށް ގާޒީ އިބްރާހިމް ރަޝީދު ހައިކޯޓަށް ހާޒިރުކުރެއްވުމުން ކޯޓުންވަނީ އެނާ ދޫކޮށްލައްވާފައެވެ. ހައިކޯޓުން ނިންމަވާފައިވަނީ ގާޒީ އިބްރާހިމް ރަޝީދު ހައްޔަރުކުރައްވާފައި ވަނީ ގާނޫނާއި ހިލާފަށްކަމަށެވެ. ހައިކޯޓުގެ ނިންމުން އިސްތިއުނާފްކޮށްދެއްވުމަށް ފުލުހުން ޕީޖީ އޮފީހަށް ހުށައަޅުއްވާފައިވާއިރު އެއޮފީހުން ގެންދަވަނީ އެ މައްސަލަ ދިރާސާކުރައްވަމުންނެވެ.