ކުޅިވަރު

ޓީ20 ވޯލްޑް ކަޕް ކޮލިފައިން: މޮންގޯލިއާ އާއި މިޔަންމާ އަތުން ރާއްޖެއަށް މޮޅެއް


ޓީ20 ވޯލްޑް ކަޕް ކޮލިފައިންގެ އޭޝިއާ ކޮލިފަޔަރ އޭގައި ރާއްޖެއިން ކުޅުނު ފަހު މެޗުތަކުގައި މޮންގޯލިއާ އަދި މިޔަންމާ އަތުން މޮޅުވެއްޖެއެވެ.

މެލޭޝިއާގެ ކުއާލާ ލަމްޕޫރުގައި ކުރިއަށްދާ މި ކޮލިފައިންގައި ހަތް ޓީމު ވާދަކުރާ، މީގެ ކުރިން ރާއްޖޭން ކުޅުނު ހަތަރު މެޗުން ވަނީ ބަލިވެފައެވެ. އެ ގޮތުން މެލޭޝިއާ އަތުން ބަލިވީ 94 ލަނޑުންނެވެ. އަދި ދެވަނަ މެޗުގައި ސިންގަޕޫރު އަތުން 47 ލަނޑުން ބަލިވިއިރު، ތިންވަނަ މެޗުން ވަނީ ކުވެއިތު އަތުން 142 ލަނޑުން ބަލިވެފައެވެ. އަދި ހަތަރު ވަނަ މެޗުން ހޮންގް ކޮންގް އަތުން ބަލިވެފައިވަނީ ނުވަ ވިކެޓުންނެވެ.

އެކަމަކު ފަހު ދެ މެޗުން ރާއްޖެ މޮޅުވިއިރު، އިއްޔެ ކުޅުނު މެޗުގައި މޮންގޯލިއާ އަތުން މޮޅުވީ 117 ލަނޑުންނެވެ. މި މެޗުގެ ގުރު ދިމާވުމުން ރާއްޖެއިން ކުޅެން އަރައި 20 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން ވަނީ 178 ލަނޑު ހަދާފައެވެ. ޖަވާބުގައި މޮންގޯލިއާ ކުޅެން އަރައި 19.1 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 61 ލަނޑެވެ.

މީގެ އިތުރުން ބުރާސްފަތި ދުވަހު ކުޅުނު މެޗުގައި މިޔަންމާ އަތުން މޮޅުވީ ނުވަ ވިކެޓުންނެވެ. މި މެޗުގައި ގުރު ދިމާވުމުން މިޔަންމާ ކުޅެން އަރައި 17 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 51 ލަނޑެވެ. ޖަވާބުގައި ކުޅެން އަރައި 5.3 އޯވަރުގެ ތެރޭގައި އެއް ކުޅުންތެރިއަކު ނުބައިވެގެން ރާއްޖެއިން ވަނީ 52 ލަނޑު ހަދައި މެޗުން މޮޅުވެފައެވެ.

ހަތް ގައުމުގެ މެދުގައި ކުޅޭ ކޮލިފައިން ލީގު ބުރަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް، ރީޖަނަލް ފައިނަލް ބުރަށް ހޮވޭނެއެވެ. ރީޖަނަލް ފައިނަލުގައި މުޅި އޭޝިއާއިން ނުވަ ޓީމެއް ވާދަކުރާނީ ޓީ20 ވޯލްޑް ކަޕުން އޭޝިއާ ލިބޭ ފަހު ދެ ޖާގައަށެވެ.

ކޮލިފައިންގެ މި ވަގުތުގެ ރޭންކިންއަށް ބަލާއިރު އެއްވަނައިގައި އޮތް ހޮންގް ކޮންގް އާއި ދެވަނައިގައި އޮތް ކުވެއިތަށް ވަނީ އަށް ޕޮއިންޓް ލިބިފައެވެ. ތިންވަނައިގައި އޮތް މެލޭޝިއާއަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ހަަތަރުވަނައިގައި އޮތް ސިންގަޕޫރަށް ވަނީ ހަ ޕޮއިންޓް ލިބިފައެވެ. އަދި ފަސްވަނައިގައި އޮތް ރާއްޖެއަށް ހަތަރު ޕޮއިންޓް ލިބުނުއިރު، ހަވަނައިގައި އޮތް މިޔަންމާއަށް ލިބެނީ ދެ ޕޮއިންޓެވެ. އަދި ފުލުގައި އޮތް މޮންގޯލިއާއަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.