ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެރިއަރުގައި ކާމިޔާބުކުރި 900 ވަނަ ލަނޑާއެކު، ޔުއެފާ ނޭޝަންސް ލީގުގެ ފުރަތަމަ މެޗުން ޕޯޗުގަލް މޮޅުވެއްޖެއެވެ.
ކްރޮއޭޝިއާ އާއި ދެކޮޅަށް އަމިއްލަ ގައުމުގައި ކުޅުނު މި މެޗު ޕޯޗުގަލުން ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ހަތްވަނަ މިނިޓްގައި ޕޯޗުގަލްގެ ޑިއޮގޯ ޑަލޮޓް ވަނީ ލަނޑެއް ކާމިޔާބުކޮށް އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
އަދި މެޗުގެ 34 ވަނަ މިނިޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ އޭރިޔާ ތެރޭގައި ހުރެ ފޮނުވާލި ބާރު ހަމަލާއިން އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 2-0 އަށް ބަދަލު ކޮށްފަ އެވެ. މިއީ ރޮނާލްޑޯ ގައުމީ ޓީމަށް ކާމިޔާބުކޮށްދިން 131 ވަނަ ގޯލެވެ. އަދި އޭނާގެ ފުޓްބޯޅަ ހަޔާތުގައި ޖެހި 900 ވަނަ ގޯލެވެ. މިއީ ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި މި އަދަދަށް ކުޅުންތެރިއަކު ލަނޑުޖެހި ފުރަތަމަ ފަހަރެވެ.
ރޮނާލްޑޯ އެންމެ ފުރަތަމަ ޕޯޗުގަލްގެ ގައުމީ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދީފައިވަނީ މީގެ 20 އަހަރު ކުރިންނެވެ. ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަންއިން ފާހަގަވި ރޮނާލްޑޯ ވަނީ މެންޗެސްޓަރ ޔުނައިޓެޑަށް 118 ގޯލު ކާމިޔާބުކޮށްދީފަ އެވެ. އަދި 2009 ވަނަ އަހަރު ރެއާލް މެޑްރިޑަށް ބަދަލުވެ އެ ކްލަބަށް ކުޅެދިން 438 މެޗުގައި އޭނާ ވަނީ 450 ގޯލު ކާމިޔާބުކޮށްފަ އެވެ. އޭގެ ފަހުން ޔުވެންޓަސް ގައި ހޭދަކުރި ދުވަސްވަރު އެ ކްލަބަށް ވަނީ 101 ގޯލު ޖަހައިދީފަ އެވެ
ނަމަވެސް ފުރަތަމަ ހާފްގެ ކުޅުން ނިމެން ހަތަރު މިނިޓަށް ވެފައިވަނިކޮށް މެންޗެސްޓަރ ޔުނައިޓެޑް ޑިފެންޑަރ ޑަލޮޓު އަތުން ބައިކޮޅަށް ވަން ލަނޑާއެކު މެޗުގެ ނަތީޖާ ވަނީ 2-1 އަށް ބަދަލުވެފަ އެވެ.