ކުޅިވަރު

އެމެރިކާގެ ތަރި އެލެކްސް މޯގަން ކުޅުން ހުއްޓާލަން ނިންމައިފި


އެމެރިކާގެ އަންހެން ފުޓްބޯޅަ ޓީމުގެ ކުރީގެ ފޯވާޑް އެލެކްސް މޯގަން ކުޅުން ހުއްޓާލަން ނިންމައިފިއެވެ.

އެކްސްގައި ޕޯސްޓްކުރި ވީޑިއޯގައި މޯގަން ބުނީ އޭނާ ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށާއި، އެ ނިންމުމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އަދި އެންމެން ގާތުގައި އެ ވާހަކަ ބުނެދެވޭތީވެ ވަރަށް އުފާވާ ކަމަށްވެސް މޯގަން ވަނީ ބުނެފައެވެ.

އެމެރިކާއާއެކު ފީފާ ވިމެންސް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ މޯގަން ވަނީ، އޭނާގެ ދެވަނަ ދަރިފުޅަށް ބަނޑުބޮޑުވެ، ބަލިވެއިންކަންވެސް ކަށަވަރުކޮށްދީފައެވެ.

މިއާއެކު، އަންނަ އާދީއްތަ ދުވަހު ނެޝަނަލް ވިމެންސް ސޮކަރ ލީގުގައި މޯގަން ކުޅެމުން އަންނަ ސެން ޑިއޭގޯ ވޭވްއިން، ނޯތު ކެރޮލައިނާ ކަރޭޖާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗަކީ ޕްރޮފެޝަނަލް ކެރިއަރުގެ ފަހު މެޗު ކަމަށްވެސް ވަނީ ބުނެފައެވެ.

މީގެ 15 ވަރަކަށް އަހަރު ކުރީން، 2009 ވަނަ އަހަރުގައި އެމެރިކާގެ ގައުމީ ޓީމުގެ ތަމްރީން ކޭމްޕާ ގުޅުނުފަހުން މޯގަން ވަނީ އޭނާއަށް ލިބިފައިވާ ލަނޑު ޖެހުމުގެ ހުނަރުން އެ ގައުމުގެ އަންހެނުންގެ ފުޓްބޯޅައިގެ އިތުރުން ދުނިޔޭގެ ފުޓްބޯޅައިގެ ތާރީޚުން ޖާގަ ހޯދައިފައެވެ. ދަނޑުމަތީގައި އަދި ދަނޑުބޭރުގައިވެސް އަންހެނުންގެ ފުޓްބޯޅަ ކުރިއެރުވުމަށް މުހިއްމު ޚިދުމަތްތަކެއް ކޮށްދީފައިވާއިރު، އެ ކުޅިވަރުގައި އަންހެނުންގެ ހަމަހަމަކަމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.

މޯގަން ވަނީ ފީފާއިން ހޮވާ އަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާއަށް ދޭ އެވޯޑްގެ ވޯޓުގައި ދެ ފަހަރުމަތީން ދެވަނަ މަގާމު ހާސިލުކޮށްފައެވެ. މޯގަން އަކީ އެމެރިކާގެ އަންހެން ފުޓްބޯޅަ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިންގެ ލިސްޓުގެ ފަސްވަނައިގައި ހިމެނޭ ކުޅުންތެރިޔާ އެވެ. ގައުމީ ޓީމަށް ކުޅުން ހުއްޓާލިއިރު އޭނާ ވަނީ 123 ލަނޑު ޖަހައިފައެވެ.

އޭނާގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ އުސްއަލިތަކުގެ ތެރޭގައި، 2012 ވަނަ އަހަރުގެ އޮލިމްޕިކްސްގެ އަންހެނުންގެ ފުޓްބޯޅައިގެ ސެމީ ފައިނަލްގެ އިތުރުވަގުތުގެ ތެރޭގައި ކެނެޑާ ކޮޅަށް ބޮލުން ވައްދާލި ލަނޑު ހިމެނެއެވެ. އެ ފަހަރުގެ އޮލިމްޕިކްސްގައި އެމެރިކާ އިން ވަނީ ރަން މެޑެލް ހާސިލްކޮށްފައެވެ.