ޚަބަރު

ކަޅުބާޒާރުގައި ޑޮލަރުގެ ވިޔަފާރިކުރަމުންދިޔަ 5 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް


  • މިބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ މާލޭގައި ކުރިއަށްގެންދިޔަ ރެއިޑެއްގައި

  • މިރެއިޑު ކުރިއަށްގެންގޮސްފައިވަނީ އިމިގްރޭޝަނާއި ފުލުހުން ގުޅިގެން

  • މިމައްސަލަ ކަމާބެހޭ ފަރާތްތަކުން ދަނީ އިތުރަށް ތަހުގީގުކުރަމުން

ގަވާއިދާ ޚިލާފަށް ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރިކުރަމުންދިޔަ 5 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ވިދާޅުވީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރަމުންދާ ބިދޭސީންގެ މައްސަލަތައް ބެލުމަށް އެކުލަވާލާފައިވާ ޓާސްކު ފޯސްއަށް ލިބުނު މަޢުލޫމާތަކާއެކު އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތުން ޚާއްސަ ރެއިޑެއް މާލޭގައި ކުރިއަށްގެންގޮސްފައިވާކަމަށެވެ. އެގޮތުން މިރެއިޑުގައި ގަވާއިދާ ޚިލާފަށް ފުޅާދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރިކުރަމުންދިޔަ 5 މީހަކު އަތުލައިގަނެވިފައިވާ ކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ އަތުން ގިނަ ޢަދަދެއްގެ ފައިސާއާއި ޑެބިޓް އަދި ކްރެޑިޓް ކާޑުތަކެއް ފެނިފައިވާކަން އިމިގްރޭޝަނުންވަނީ ހާމަކުރައްވާފައެވެ. އިމިގްރޭޝަނުންވަނީ މިރެއިޑުގައި ހިފަހައްޓާފައިވާ ޑޮލަރާއި ދިވެހި ފައިސާއާއި ގިނަ ޢަދަދެއްގެ ޕާސްޕޯޓުގެ ފޮޓޯ އާއްމުކުރައްވާފައެވެ.

މިމައްސަލަ މިހާރު އިތުރަށް ތަޙުގީގުކުރަމުންދާއިރު މިމައްސަލައާއި ގުޅޭ އިތުރު ތަފްސީލު ފަހުން ހިއްސާކުރާނެކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ފުޅާދާއިރާއެއްގައި ބިދޭސީންކުރަމުންދާކަމީ އާއްމުންގެ ދުވަސްވީ ބޮޑު ކަންބޮޑުވުމެކެވެ. ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ގަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ބިދޭސީންނާމެދު ހަރުކަށި ފިޔަވަޅުތަކެއް ސަރުކާރުންދަނީ އަޅަމުންނެވެ. އެގޮތުން ރާއްޖޭގެ އިޤްތިޞާދަށް ގެއްލުންވާ ފަދަ ގޮތަކަށް ވިޔަފާރިތަކުގައި ގަވާއިދާ ޚިލާފަށް ހަރަކާތްތެރިވާ ބިދޭސީންނަށް އިތުރު ފުރުސަތު ނުދިނުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ.

މިއަހަރުގެ ޖުލައި އަދި މާރިޗު މަހުވެސް އިމިގްރޭޝަނުންވަނީ ކަޅު ބާޒާރުގައި ގަވާއިދާ ޚިލާފަށް ޑޮލަރު ވިއްކަމުންދިޔަ ބިދޭސީންތަކެއް ޑީޕޯޓުކޮށްލާފައެވެ. އަދި ރާއްޖޭން ގަވާއިދާ ޚިލާފަށް ބޭރުކުރަން އުޅުން 81000 އަށްވުރެ ގިނަ ޑޮލަރާއެކު ބިދޭސީއަކު މިދިޔަ މަހުވަނީ ހައްޔަރުކޮށްފައެވެ.