ޚަބަރު

ބިދޭސީން އުޅެނީ ޤަވާއިދުގެ ތެރެއިންތޯ ބަލާލެވޭ އެޕްލިކޭޝަނެއް ތައާރަފުކުރުމުގެ މަސައްކަތް ފަށައިފި


  • މިއީ އިމިގްރޭޝަންގެ ޚިދުމަތްތަކަށް ޒަމާނީ ބަދަލުތައް ގެނައުމުގެ މަސައްކަތުގެ ދަށުން ކުރެވޭކަމެއް

ބިދޭސީ މީހާ އުޅެނީ ޤަވާއިދުގެ ތެރެއިންތޯ މޯލްޑިވްސް އިމިގްރޭޝަންގެ އޮފިސަރުންނަށް ބަލާލެވޭ އެޕްލިކޭޝަނެއް ތައާރަފުކުރުމުގެ މަސައްކަތް އިމިގްރޭޝަނުން ފަށައިފިއެވެ. މިއީ އިމިގްރޭޝަންގެ ޚިދުމަތްތަކަށް ޒަމާނީ ބޮޑެތި ބަދަލުތައް ގެނައުމުގެ މަސައްކަތުގެ ދަށުން ކުރެވޭކަމެކެވެ.

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މީގެކުރިން އިމިގްރޭޝަންގައި މަސައްކަތްތައް ކުރެވެމުންދިޔައީ މެނުއަލްކޮށް ކަމަށެވެ. ނަމަވެސް އެކަން ބަދަލުކޮށް ޒަމާނާ އެއްގޮތަށް މަސައްކަތް ޑިޖިޓަލައިޒްކުރައްވަން މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ.

ޝަމްޢާން ވިދާޅުވީ އިމިގްރޭޝަން ވޮޗަކީވެސް މީގެ ބައެއް ކަމަށެވެ.

"މަސައްކަތްތައް ކުރިއަށްދަނީ ކޮންމެ އޮފިސަރަކަށްވެސް ގޮސް ބަލާލެވޭނެފަދަ އެޕްލިކޭޝަނެއް ތައާރަފުކުރަން. އެމީހާ ހުރީ ޤަވާއިދުގަތޯ ނުވަތަ ޤަވާއިދާ ޚިލާފަށްތޯ. މިއީ ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމެއް އަޅުގަނޑުމެންގެ މަސައްކަތްތަކަށް" ޝަމްޢާން ވިދާޅުވިއެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ރިޕޯޓް ކުރުމަށް "އިމިގްރޭޝަން ވޮޗް"ގެ އޮންލައިން ޕްލެޓްފޯމެއް މޯލްޑިވްސް އިމިގްރޭޝަނުން ތަޢާރަފުކުރީ 17 ޖުލައިގައެވެ. އިމިގްރޭޝަން ވޮޗް މެދުވެރިކޮށް އާންމުން ހުށަހަޅާ މައްސަލަތައް ބަލާ، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އިމިގްރޭޝަނުން ދަނީ ޑީޕޯޓް ކުރަމުންނެވެ.

އެގޮތުން މިއަހަރުގެ މިހާތަނަށް އެކި މައްސަލަތަކުގައި 3300 އަށްވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓްކޮށްފައެވެ. އިމިގްރޭޝަނުން ޑީޕޯޓްކުރި ބިދޭސީންގެ ތެރޭގައި ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް ވިޔަފާރިކުރާ މީހުންނާއި ޑޮކިއުމަންޓްތައް ފުރިހަމަ ނޫން މީހުން ގިނަ އަދަދަކަށް ހިމެނެއެވެ.

ސަރުކާރުގެ އަމާޒަކީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަން ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ފުޅާކުރުމެވެ. އަދި ރާއްޖޭގަ ތިބި ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނެސް ބިދޭސީންގެ މައްސަލައަށް 3 އަހަރުތެރޭ ޖުމްލަ ހައްލެއް ގެނައުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.