ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތިމާވެށީގެ މަޝްރޫޢުތަކަށް ޔޫރޕިއަން ޔޫނިއަންއިން 110 މިިލިޔަން ރުފިޔާގެ އެހީތެރިކަމެއް ލިބޭނެ ކަމުގެ ޔަޤީންކަން އިންޓަރނޭޝަނަލް ޔޫނިއަން ފޮރ ކޮންޒަވޭޝަން އޮފް ނޭޗަރ (އައި.ޔޫ.ސީ.އެން)ގެ ޑިރެކްޓަރ ޖެނެރަލް ގްރެތެލް އެގުއިލާ ދެއްވާފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އައިޔޫސީއެންގެ ޑިރެކްޓަރ ޖެނެރަލް މިޔަޤީންކަން ދެއްވާފައިވަނީ އައިޔޫސީއެންއިން އިންތިޒާމުކޮށްގެން ބޭއްވި އާރުސީއެފް 2024 އޭޝިއާ ފޯރަމްގެ ހަވާސާގައި ވަޒީރު ޠާރިޤްއާ ބައްދަލުކުރައްވާ ދެއްކެވި ވާހަކައިގައެވެ.
އައިޔޫސީއެންގެ ޑިރެކްޓަރ ޖެނެރަލްއާއެކު ވަޒީރު ޠާރިޤު ބޭއްވެވި މިބައްދަލުވުމުގައި އައިޔޫސީއެންގެ އެހީގައި ރާއްޖޭގައި މިހާރު ކުރިއަށް ގެންދާ މަޝްރޫޢުތަކާ ގުޅޭގޮތުންވަނީ މަޝްވަރާކުރައްވާފައެވެ. މިމަޝްރޫޢުތަކަކީ ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީން 2.5 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުތަކެކެވެ.
މީގެ އިތުރުން އައިޔޫސީއެންއާ ގުޅިގެން ތިމާވެށީގެ ދާއިރާއިން ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކާ ގުޅޭގޮތުންވެސްވަނީ މަޝްވަރާ ކުރައްވާފައެވެ. އެގޮތުން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުން ކުރުން މަދުކުރުމަށާއި ތިމާވެށި ހިމާޔަތްކުރުމަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކަށް ޔޫރަޕިއަން ޔޫނިއަން، އިޔޫން 6.5 މިލިޔަން ޔޫރޯ ނުވަތަ 110 މިލިޔަން ރުފިޔާގެ މާލީ އެހީ ހަމަޖެހިފައިވާކަމުގެ ޔަޤީންކަން ލިބިފައިވާކަމަށް ވަޒީރު ޠާރިޤު ވިދާޅުވިއެވެ. މިމަޝްރޫޢުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުއެވެ.
ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށް އެކި ފިޔަވަޅުތައް އަންނަނީ އަޅަމުންނެވެ. އެގޮތުން ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމަށް ފިޔަވަޅުތައް އަޅާފައިވާއިރު ސަރުކާރުން ވަނީ 5 މިލިޔަން
ގަސް އިންދުމުގެ މަޝްރޫޢެއްވެސްފަށާފައެވެ. މީގެ އިތުރަށް ރަށްގިރުމުގެ މައްސަލަތައް ހައްލުކުރުމުގެ ގޮތުން ގޮނޑުދޮށް ހިމާޔަތްކުރުމާއި ތިމާވެއްޓާ ގުޅުންހުރި އެކި މަޝްރޫޢުތައް އަންނަނީ ހިންގަމުންނެވެ.