އަނިޔާގެ ސަބަބުން ބާސެލޯނާގެ ޒުވާން މިޑްފީލްޑަރު ފާމިން ލޮޕޭޒް, ތިން ހަފުތާގެ މުއްދަތަކަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.
އުމުރުން 21 އަހަރުގެ ލޮޕޭޒްގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާވީ 21 އަހަރުން ދަށުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ ކޮލިފައިންގައި ވާދަކުރާ ސްޕެއިން ޓީމާ ގުޅިފައިވަނިކޮށެވެ. އެ ޓީމަށް ކުރިއަށް އޮތީ ހަންގޭރީ އާއި ސްކޮޓްލެންޑާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.
މިހާތަނަށް ސްޕެއިނުގެ ސީނިއާ ޓީމަށް ދެ މެޗު ކުޅެދީފައިވާ ލޮޕޭޒް ވަނީ، އެންމެ ފަހުގެ އޮލިމްޕިކް ގޭމްސްގެ ރަން މެޑެލް ހާސިލްކުރި ސްޕެއިނުގެ 23 އަހަރުން ދަށުގެ ޓީމާއެކު މޮޅު ކުޅުމެއް ދައްކާފައެވެ.
މި ފަހަރުގެ ސީޒަނުގައި ވެސް މިހާތަނަށް ބާސެލޯނާގެ ތިން މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެފައިވާ ލޮޕޭޒް ވަނީ އެންމެ ފަހުން ލީގުގައި ރެއާލް ވަޔަޑޮލިޑް އަތުން 7-0 ގެ ނަތީޖާއަކުން މޮޅުވި މެޗުގައިވެސް ކުޅެފައެވެ.
ބާސެލޯނާގެ މަޝްހޫރު ލަ މާސިއާގެ ޔޫތު ސިސްޓަމްގެ ތެރެއިން އެ ކްލަބުގެ ސީނިއާ ޓީމުން ޖާގަ ހޯދައި، ލޮޕޭޒް ވަނީ މިދިޔަ ސީޒަނުގައި ހުރިހާ މުބާރާތެއްގައި ކުޅުނު 42 މެޗުގައި 11 ލަނޑުޖަހައިފައެވެ.
ނިމިދިޔަ ސީޒަނުގައި ދެއްކި ކުޅުމުގެ ސަބަބުން އެންމެ ފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި ސްޕެއިންގެ ސީނިއާ ޓީމުން ވެސް އޭނާ އަށް ވަނީ ޖާގަ ލިބިފައެވެ. އެގޮތުން، އޭނާ ވަނީ ގްރޫޕް ސްޓޭޖުގައި އަލްބޭނިއާ އާ ދެކޮޅަށް ސްޕެއިން ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެފައެވެ. އޭގެކުރީން، އޭނާ ވަނީ މި އަހަރުގެ ކުރީކޮޅު އެންޑޯރާއާ ދެކޮޅަށް ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުގައި ކުޅެފައެވެ.