ޚަބަރު

ދީނީ ހަރުކަށި ޚިޔާލު ފެތުރުމުގެ ތުހުމަތު ޓީޗަރެއްގެ މައްޗަށް


ދީނީ ހަރުކަށި ޚިޔާލު ފަތުރަމުންދާކަމުގެ ތުހުމަތުގައި ލ. ކުނަހަންދޫ ސްކޫލްގެ ޓީޗަރަކު ހައްޔަރުކޮށްފިއެވެ.

ޕަބްލިކް ސަރވިސް މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ދީނީ ހަރުކަށި ޚިޔާލާ ފިކުރު ފެތުރިކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ ކުނަހަންދޫ ސްކޫލްގެ އުމުރުން 36 އަހަރުގެ ޓީޗަރެއްކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ކޯޓްއަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ.

ޓެރަރިސްޓް ޖަމާޢަތްތަކާއި ގުޅި އައިއެސް ޖަމާޢަތުގައި ބައިވެރިވުމަށް ރާއްޖެއިން މީހުން ފޮނުވުމުގައި އިސްދައުރެއް އަދާކުރާކަމުގެ ތުހުމަތުވެސް އޭނާގެ މައްޗަށް ކުރާކަމަށް މަޢުލޫމާތުލިބެއެވެ.

އެނގިފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ ކުނަހަންދޫ ސްކޫލްގެ ޓީޗަރ ޢަބްދުﷲ މައުރޫފެވެ. އޭނާ ވަޒީފާއިން ވަކިކުރުމާއި ގުޅިގެން ކުނަހަންދޫ ސްކޫލްގެ ބައެއް ބެލެނިވެރިން ސްކޫލްކައިރިއަށް އެއްވެ ނުރުހުންފާޅުކުރަމުންދާކަމަށްވެސް އެރަށު ކައުންސިލުން މަޢުލޫމާތުދެއްވައެވެ.