ސިފައިންގެ އެންމެ އިސް ވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަސައްކަތް ކުރައްވަމުން ގެންދަވަނީ ދިވެހި އަސްކަރިއްޔާގެ އާރާއި ބާރު އަލުން ގާއިމުކުރައްވަން ކަމަށް ދިފާޢީ ވަޒީރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ޤައުމީ ދުވަހުގެ ތަޙުނިޔާ މެސެޖްގައި ޣައްސާން ވިދާޅުވީ ޤައުމީ ދުވަހަކީ ދުނިޔޭގެ ޗާޓުގައި ދިވެހީންގެ ހިތްވަރާއި ފަންވަރު ދައްކުވައިދިން ދުވަހެއް ކަމަށެވެ. ދިވެހީންނަކީ މީސްކޮޅު މަދު ބައެއް ނަމަވެސް އަސްކަރީ ގޮތުން ކުޅަދާނަ ބައެއްކަން ޤައުމީ ދުވަހު ދައްކުވައިދިންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ދިފާޢީ ވަޒީރު ވިދާޅުވީ ސިފައިންގެ އެންމެ އިސް ވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަސައްކަތް ކުރައްވަމުން ގެންދަވަނީ ދިވެހި އަސްކަރިއްޔާގެ އާރާއި ބާރު އަލުން ގާއިމުކުރުމަށް ކަމަށެވެ.
" ރައީސް މަސައްކަތް ކުރައްވަނީ ދިވެހީންނަކީ ދުނިޔޭގައި ވެސް ވިދާލާ ބައެއްކަމުގައި މުޅި ދުނިޔެއަށް ވެސް ދައްކަވައިދެއްވާ ރައްޔިތުންނަށް އިތުރު އުފާ ފާގަތިކަން ގެނެސްދެއްވަން." ދިފާޢީ ވަޒީރު ޣައްސާން މައުމޫން ވިދާޅުވިއެވެ.
ދިވެހި އަސްކަރިއްޔާ އިތުރަށް ބާރުވެރިކޮށް ދިވެހީން އަމިއްލައަށް ދިވެހީންގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަކީ ރައީސްގެ ވައުދެކެވެ. އެ ވައުދުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިވެހި ސިފައިންގެ ޚިދުމަތަށް "އެއަރ ކޯ" ތައާރަފު ކުރައްވާފައެވެ. މިއާއެކު ވައިގެ މަގުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލުކަން ދިވެހި އަސްކަރިއްޔާއަށް ވަނީ ލިބިގެންގޮސްފައެވެ.
އެއަރ ކޯއާއެކު ރާއްޖޭގައި ފުރަތަމަ ފަހަރަށް އަސްކަރީ ޑްރޯން ވެސް ބޭނުން ކުރަން ވަނީ ފަށާފައެވެ. އަދި ކުރިއަށް އޮތްތަނުގައި ޑްރޯން އިތުރުކޮށް، ކަނޑާއި އެއްގަމާއި ވައިގެ އުޅަނދުތައް ސިފައިންގެ ޚިދުމަތަށް އިތުރުކުރައްވާނެ ކަމަށްވެސް ސިފައިންގެ އެންމެ މަތީވެރިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.