ކުޅިވަރު

ކުޅިވަރުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ދޮނާ އާއި ނާސިރަށް


ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމުގައި ކުޅިވަރުގެ ދާއިރާއިން ގައުމީ އިނާމު މުޙައްމަދު ނާސިރު، އަދި ކުޅިވަރަށް ޙިދުމަތްކުރުމުގެ ދާއިރާއިން ގައުމީ އިނާމު އަޙްމަދު މުޙައްމަދަށް ދެއްވައިފިއެވެ.

ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރުދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް އިނާމު ހަވާލުކުރުން އޮތީ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވަނީ، ޝަރަފުގެ އައްޑަނައާއި ޝަރަފުގެ ބެޖެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ހަނދާނީ ފިލާއެކެވެ.

އިނާމު ލިބިވަޑައިގެންނެވި މުހައްމަދު ނާސިރު ވަނީ ރާއްޖޭގައި ރަސްމީ ސިފައެއްގައި ކުޅުނު ގިނަ ކުޅިވަރުތަކެއްގައި ކުޅުންތެރިއެއްގެ ގޮތުގައި މަޝްހޫރުކަން ހޯއްދަވާފައެވެ. އެގޮތުން ފުޓުބޯޅަ އާއި ޓީޓީ އާއި ކްރިކެޓާއި ހޮކީއާއި ބެޑްމިންޓަނާއި އެތުލެޓިކްސް ، ޓެނިސް، ބާސްކެޓް ، ވޮލީ އަދި ބައިސްކަލް ރޭސްތަކުން ވަނީ ކާމިޔާބީތަކެއް ހޯއްދަވާފައެވެ. ޒަމާނީ މިއުޒިކް ކުލަބަށް 1968 ވަނަ އަހަރު ކުޅުއްވަން ފެއްޓެވި ނާސިރު ވަނީ އެ ޓީމާއެކު ބޮޑެތި ކާމިޔާބީތަކެއް ހޯއްދަވާފައެވެ. އެއަށްފަހު 1983 ވަނަ އަހަރު ނާސިރު މަސްއޫލުވެރިކަމުގެ ދަށުގައި ކުލަބު ލެގޫންސް އުފައްދަވައި ރާއްޖޭގެ ނަން މަޝްހޫރު ކުލަބަކަށް އެ ކުލަބު ހެއްދެވިއެވެ. 2006 ވަނަ އަހަރު ނާސިރަށް ވަނީ އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

އަޙްމަދު މުޙައްމަދު ނުވަތަ ދަނޑުގައި މަޝްހޫރު ނަމުންނަމަ ދޮނާވެސް ވަނީ ގިނަ ހިދުމަތްތަކެއް ކުރައްވާފައެވެ. އެގޮތުން އުމުރުން 15 އަހަރުގައި ކުޅިވަރަށް އުފެދުނު ޝައުގާއެކު އޭނާ ވަނީ 1976 ވަނަ އަހަރު ނިޝާން އިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަލްމަރްޙޫމް މުޙައްމަދު ޒާހިރު ނަސީރާއެކު މަސައްކަތްކުރައްވަން ފައްޓަވާފައެވެ. ރާއްޖެއިން ފުރަތަމަ ބައިވެރިވި ބައިނަލްއަގްވާމީ ގޭމްސްގެ ހިންގާ ކޮމިޓީގައްޔާއި، ކުޅިވަރާ ބެހޭ ތަފާތު ސަބް ކޮމިޓީތަކުގައްޔާއި އޯގަނައިޒިން ކޮމިޓީގައި އޭނާގެ ބައިވެރިވުން ހިމެނެއެވެ. 1995 ވަނަ އަހަރުން ފެށިގެން 13 އަހަރެއްހާ ދުވަހު އެފްއޭއެމްގެ ހިންގާ ކޮމިޓީގައި ކުލަބު ވެލެންސިއާ ތަމްސީލުކޮށްދެއްވީ ދޮނާ އެވެ. ދޮނާ ވަނީ ފުޓުބޯޅައިގެ އިތުރުން ބާސްކެޓާއި ހޮކީ އަދި އެތުލެޓިކްސް ކުޅުއްވި ބޭފުޅެކެވެ.