ރެއާލް މެޑްރިޑުގެ އޯރެލިއަން ޗުއަމެނީ އާއި ފާލެންޑް މެންޑީއަށް އަނިޔާގެ ސަބަބުން ޔުއެފާ ނޭޝަންސް ލީގުގައި ވާދަކުރާ ފްރާންސްގެ ސްކޮޑުން ވަކިވާންޖެހިއްޖެއެވެ.
ފްރާންސްގެ ކޯޗު، ޑިޑިއޭ ޑެޝޯމްޕްސް ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.
ޗުއަމެނީ އާއި މެންޑީ ވަނީ ރެއާލް އެންމެ ފަހުން ސްޕެނިޝް ލަލީގާގައި ބެޓިސް އަތުން 2-0 އިން މޮޅުވި މެޗުގައި ކުޅެފައެވެ. އެ މެޗުގެ ދެވަނަ ހާފުގައި މެންޑީ ވަނީ އަނިޔާގެ ސަބަބުން ބަދަލުކޮށްފައެވެ.
މި ދެ ކުޅުންތެރިންގެ ބަދަލުގައި ފްރާންސްގެ ސްކޮޑަށް ނަގާފައިވަނީ ލާޒީއޯގެ މިޑްފީލްޑަރު، މަޓެއޯ ގެންޑޫޒީ އާއި އެސްޓަން ވިލާގެ ފުލްބެކް، ލޫކަސް ޑީނިއޭ އެވެ.
މި ފަހަރުގެ ޔުއެފާ ނޭޝަންސް ލީގުގައި ފްރާންސުން ކުޅުމަށް ހަމަޖެހިފައިވާ ފުރަތަމަ މެޗުގައި އަންނަ ހުކުރު ދުވަހު ޕާކް ޑެސް ޕްރިންސެސްގައި އިޓަލީއާ ދެކޮޅަށް ނިކުންނައިރު، އޭގެ ތިން ދުވަސް ފަހުން ލިޔޯންގައި ބައްދަލުކުރާނީ ބެލްޖިއަމްއާ އެވެ.