ތަޢުލީމު

މަތީ ސާނަވީ ނިންމާ ކުދިން ޤައުމުގެ މުސްތަޤްބަލާމެދު ވިސްނަންޖެހޭ


މަތީ ޘާނަވީ ނިންމާ ކުދިން، ޤައުމުގައި ހިނގަމުންދާ އޮއިވަރުތަކާމެދު ވިސްނުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމަށް ގޮވާލެއްވީ، މަތީ ޘާނަވީގެ ވަނަތައް ހޯދި ކުދިންނަށް އިނާމުދިނުމަށް ރޭ ބޭއްވެވި ރަސްމިއްޔާތު ޝަރަފެވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެއަކީ ރީތި، ހިތްގައިމު، އުފާވެރިތަނެއްގެ ގޮތުގައި އޮންނާނީ ރާއްޖޭގައި ހަމަޖެހުން ޤާއިމުވެފައި އޮންނާތީކަމަށެވެ. އެހެންކަމުން ރާއްޖެއަކީ ހަމަޖެހުން ޤާއިމުވެފައިވާ ތަނެއްގެ ގޮތުގައި ބޭއްވުމަށް އަލަށް އަރަމުން އަންނަ ޒުވާނުން ރާއްޖޭގައި ހިނގާ އޮއިވަރުތަކާމެދު ވިސްނުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

ރައީސުލް ޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލަށް މަތީ ޘާނަވީ ތަޢުލީމު ނިންމާ ކުދިންގެ މުސްތަޤްބަލު ބައްޓަންކުރުމުގައި އެކުދިންގެ ވިސްނުން ބަހައްޓަންވީ ގޮތުގެ މައްޗަށްވެސް އަލިއަޅުވާލައްވާ ވާހަކަފުޅުދެއްކެވިއެވެ. އެގޮތުން ކުދިންގެ އަމިއްލަ ނަފްޞަށް އިތުބާރުކުރުމާއި، އެކުއްޖަކު ކުރިޔަށްދާން ބޭނުންވާ ރޮނގެއް ޚިޔާރުކުރުމުގައި އެކުއްޖަކު އަމިއްލައަށް އެނިންމުން ނިންމުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.

މިރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޝިހާމް ދެއްކެވި ވާހަކައިގައި، ގްރޭޑް ދިހައެއް ނިންމާ މަތީ ޘާނަވީއަށް ވަންނަ ކުދިންގެ އަދަދު 40 އިންސައްތައަށް މައްޗަށް ޖެއްސިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ކުދިންނަށް މަތީ ޘާނަވީއަށް ކިޔެވުމުގެ ފުރުޞަތު އިތުރުކޮށް، ގިނަ ކުދިންނަށް ފުރުޞަތު ދިނުމުގެ މިހާރު އައްޑޫ ހައިސްކޫލްގައި ފަށާފައިވާ ބީޓެކް އޭލެވެލް 2017 ވަނަ އަހަރު ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ތަޢާރަފްކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރުގެ ވާހަކަފުޅުގައިވަނީ 100 އިންސައްތަ ހޯދައިގެން ދުނިޔެއިން އެއްވަނަ ހޯދާފައިވާ ދަރިވަރުންނަށް ފުރަތަމަ ފަހަރަށް ޤައުމީ އިނާމު ދިނުމުގެ ޖަލްސާގައި އިނާމްދެއްވުމަށް ހަޖެހިފައިވާކަންވެސް ހާމަކުރައްވާފައެވެ. މީގެ އިތުރުން ރާއްޖޭގެ ތައުލީމީ ދާއިރާއަށް މިހާރު އިންޤިލާބީ ބަދަލެއް މިހާރު ގެނެވިފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ތައުލީމީ ދާއިރާ މިހާރު ހިނގަމުންދަނީ ޤައުމުގެ އިޤްތިޞާދީ ތަރައްޤީއާ ގުޅިލާމެހިގެން ޤައުމުގެ ތަރައްޤީއަށް ބޭނުންވާ އިންސާނީ ވަޞީލަތް ބިނާކުރެވޭގޮތަށްކަމަށެވެ.

2015 ވަނަ އަހަރު މަތީ ޘާނަވީ މަރުހަލާ ފުރިހަމަކޮށް މެއި އަދި ޖޫންމަހުގައި ބޭއްވި އެޗްއެސްސީ އިމްތިހާނާއި އެޑެކްސެލް އޭލެވެލް އިމްތިހާނުތަކުގައި 53 ސްކޫލެއްގައި ދަރިވަރުން ކިޔަވާފައިވާއިރު 48 ސެންޓަރަކުން 2120 ދަރިވަރަކު މަތީ ޘާނަވީ ތައުލީމު ފުރިހަމަކޮށްފައިވެއެވެ.