ޚަބަރު

ވިޔަފާރިއަށް ފަހި މާހައުލެއް ޤާއިމްކުރެއްވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ޑަބްލިޔުޓީއޯގެ ވެރިޔާގެ ތައުރީފް


  • ނެޝަނަލް ސިންގަލް ވިންޑޯ އިފްތިތާހުކުރުމާއި ގުޅިގެން ވަނީ ތަހުނިޔާ ވިދާޅުވެފައި

ވިޔަފާރިއަށް ފަހި މާހައުލެއް ޤާއިމްކުރެއްވުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތް ފާހަގަކޮށް، ދުނިޔޭގެ ވިޔަފާރިއާބެހޭ ޖަމުޢިއްޔާ، ޑަބްލިޔުޓީއޯގެ ވެރިޔާގެ ތައުރީފްކުރައްވައިިފިއެވެ.

ދިވެހި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތް ޑަބްލިޔުޓީއޯގެ ޑިރެކްޓަރ ޖެނެރަލް އޮކޮންޖޯ އިވެއެލާ ތައުރީފްކުރެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސައީދުއާއެކު ބޭއްވި ވަރޗުއަލް ބައްދަލުވުމުގައެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސައީދުއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ޑަބްލިޔުޓީއޯގެ އެންމެ އިސްވެރިޔާ ވަނީ ރާއްޖެއިން ބައިވެރިވެފައިވާ ޑަބްލިޔުޓީއޯގެ ޓްރޭޭޑް ފެސިލިޓޭޝަން އެގްރިމަންޓްުގެ ދަށުން ކުރަންޖެހޭ މަސައްކަތުގައި ރާއްޖެއިން ހޯދަމުންދާ ކުރިއެރުންތައް ފާހަގަކުރައްވާފައެވެ. އެގޮތުން މޯލްޑިވްސް ނެޝަނަލް ސިންގަލް ވިންޑޯ ކާމިޔާބުކަމާއެކު އިފްުތިތާހުކުރެވުމާއި ގުޅިގެން އެކަމަނާ ވަނީ ތަހުނިޔާ ވިދާޅުވެފައެެވެ. އަދި މިކަންކަމުން ދޭހަވަނީ ރާއްޖޭގައި ވިޔަފާރިއަށް ފަހި މާހައުލެއް ޤާއިމްކޮށްދެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްކަންވެސް ޑަބްލިޔުޓީއޯގެ އެންމެ އިސްވެރިޔާ ފާހަގަކުރެއްވިއެވެ.

މިއަދު އިފްތިތާހުކުރެވިގެންދިޔަ މޯލްޑިވްސް ނެޝަނަލް ސިންގަލް ވިންޑޯއަކީ 2014 ވަނަ އަަހަރު ސަރުކާރުން ފެއްޓެވި މަސައްކަތެކެވެ. މިދިޔަ 5 އަހަރު އެ މަސައްކަތް މަޑުޖެހިފައި އޮތްނަމަވެސް މި ސަރުކާރުން ވަނީ އެ މަސައްކަތުގެ ދުވެލި އަވަސްކޮށްފައެވެ.

ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓަކީ ދިވެހި ވިޔަފާރިވެރިންނަށް ލުއި ގޮތްތަކެއް މަގުފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން، ކުރިއަށްގެންދިޔަ ވަރަށް މުހިންމު މަސައްކަތެކެވެ. މިއީ ވިޔަފާރީގެ ބޭނުންތަކަށް އެކި އިދާރާތަކުން ހޯދަމުން އައި ޚިދުމަތްތައް، އޮންލައިންކޮށް އެއް ޕްލެޓްފޯމެއްގެ ތެރެއިން ހޯދޭނެގޮތަށް ބަދަލުކޮށް، ވިޔަފާރިވެރިންނަށް ދިމާވަމުންދާ ދަތިތަކަށް ބޮޑު ލުޔެއް ގެންނާނެ ޚިދުމަތަކަށް ވާނެކަމަށް އިޤްތިޞާދީ ތަރައްޤީއާ ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ

މި ނިޒާމް ފަރުމާކޮށްފައިވަނީ އިޤްތިޞާދީ ދާއިރާގެ ފަރާތްތަކާއި ރާއްޖޭގެ ވިޔަފާރިވެރިންގެ ޚިޔާލާއި މަޝްވަރާ ހޯދައިގެންނެވެ. މިކަމާއި ގުޅޭ ގިނަ ބައްދަލުވުންތަކެއް ޓްރޭޑް ނެޓްގެ ފަރާތުން ވަނީ ބާއްވާފައެވެ.