ފެން ރައްކާކުރަން މިހާތަނަށް ރާއްޖޭގައި ބަހައްޓާ އެންމެ ބޮޑު ތާނގީގެ މަސައްކަތް ހުޅުމާލޭގައި ފަށައިފިއެވެ.
ފެނުގެ ރައްކާތެރިކަން ކަށަވަރުކުރަން މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމްޑަބްލިޔުއެސްސީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލޭގައި ބަހައްޓާ މި ތާނގީއަކީ 10 ހާސް ޓަނުގެ ފެން ރައްކާކުރެވޭނެ ތާނގީއެކެވެ.
އެމް.ޑަބްލިޔު.އެސް.ސީގެ ހުޅުމާލެ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ތާނގީ ބެހެއްޓުމުގެ މަސައްކަތް ފައްޓަވައިދެއްވީ އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް އާއި އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ، ޢަބްދުލް މަތީން މުޙައްމަދުއެވެ.
ރާއްޖޭގައި މިހާތަނަށް ބަހައްޓާ އެންމެ ބޮޑު ފެން ތާނގީ ބެހެއްޓުމުގެ މަސައްކަތްކުރާނީ އެމް.ޑަބްލިޔު.އެސް.ސީގެ މުވައްޒަފުންކަމަށް އެކުންފުނިން ބުނެއެވެ. އަދި މި ތާނގީގެ މަސައްކަތް ނިމުމާއެކު ހުޅުމާލޭގައި ފެން ރައްކާކުރެވޭ މިންވަރު 22600 ޓަނަށް އިތުރުވެގެންދާނެކަމަށްވެސް އެ ކުންފުނިން ވިދާޅުވެއެވެ.
މި މަޝްރޫއު ފަށްޓަވައި ދެއްވުމަށްފަހު އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވީ މި ތާނގީގެ ސަބަބުނ މިހާރު ހުޅުމާލޭގައި ފެން ރައްކާކުރެވޭ މިންވަރު 80 އިންސައްތަ އިތުރުވެ، ފެނުގެ ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރެވިގެން ދާނެކަމަށެެވެ.
މަތީން ވިދާޅުވީ އެ ކުންފުނިން އެންމެ ބޮޑު އިސްކަމެއް މިވަގުތު ދޭ އެއް މަސައްކަތަކީ ފެނުގެ ރައްކާތެރިކަން ކަށަވަރުކޮށް މެދުނުކެނޑި ފެނުގެ ހިދުމަތް ލިބޭނެ އިންތިޒާމުތައް ގާއިމުކޮށް ފެން އުފެއްދުމުގެ ކެޕޭސިޓީ އިތުރުކުރުން ކަމަށެވެ.
" އަޅުގަނޑު އުންމީދު ކުރަނީ މިއަށްވުރެ ބޮޑު ދެ ތާނގި މާލޭގައި ބެއްހެއްޓުމުގެ މަސައްކަތް އަވަހަށް ފެށުން. އަޅުގަނޑުމެން ވާނީ ފެން އުފައްދާ މިންވަރު އިތުރުކުރުމަށް އާރްއޯ ޕްލާންޓު ބެހެއްޓުމުގެ މަސައްކަތް ފަށާފައި. މާލެ ސަރަހައްދުގެ ވޯޓަރ ސެކިއުރިޓީގެ ވަރަށް މުހިއްމު މަސައްކަތްތަކެއް އަންނަ އަހރުގެ މެދެއްހާ ތަނުގައި ހުންނާނީ ނިމިފައި. އަޅުގަނޑުމެންގެ އަމާޒަކީ ފެނުގެ ސެކިއުރިޓީ ކަށަވަރުކުރުމަށް ހުރި ގޮންޖެހުންތައް ހުރަސްކޮށް މި ހިދުމަތްތައް ފުރިހަމައަށް ފޯރުކޮށްދިނުން." އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ، ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވިއެވެ.
އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ނިންމުމަށް ތާވަލުކޮށްފައިވާ މި މަޝްރޫޢަށް 34.7 މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް އަންދާޒާކުރެއެވެ. އެމްޑަބްލިއުއެސްސީން ވިދާޅުވީ މި މަޝްރޫޢުގެ ސަބަބުން ހުޅުމާލޭގައި ފެން ރައްކާކުރެވޭ މިންވަރު އިތުރުކޮށް، މެދުކެނޑުމެއް ނެތި، ދެމެހެއްޓެނިވި ގޮތެއްގައި ސާފު ބޯފެން ފޯރުކޮށްދިނުމަށް، ކުރަމުންގެންދާ މަސައްކަތްތައް އިތުރަށް ހަރުދަނާވާނެކަމަސެވެ.
ގްރޭޓަރ މާލޭ ސަރަހައްދުގެ ވޯޓަރ ސެކިއުރިޓީ ޕްލޭންގެ ދަށުން، އެމް.ޑަބްލިއު.އެސް.ސީން، ފެން އުފެއްދުން ޑީސެންޓްރަލައިޒްކޮށް، މާލޭގެ ދެ ސަރަޙައްދެއްގައި ފެން އުފައްދާ މަރުކަޒުތައް ވަނީ ޤާއިމްކޮށްފައެވެ. އެގޮތުން ސިނަމާލެ ބުރިޖު މެދުވެރިކޮށް، އަޅާފައިވާ ފެންހޮޅީގެ ޒަރިއްޔާއިން، މާލެއާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅައިލުމަށް ބޭނުންވާ ޕަމްޕް ސްޓޭޝަންތައް ޤާއިމްކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި މާލޭގެ 378 ނަންބަރު ކޮށީގައި ފެން ރައްކައުކުރާ އިތުރު ދެ ތާނގީ ބެހެއްޓުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށް އެމްޑަބްލިއުއެސްސީން ވިދާޅުވެއެވެ. މި މަޝްރޫޢޫތަކަކީ ގްރޭޓަރ މާލެ ސަރަހައްދުގައި ފެން އުފެއްދުމާއި، ރައްކާކުރުމާއި، ފެން ފޯރުކޮށްދިނުމުގެ ޤާބިލުކަން އިތުރުކޮށް، ރައްޔިތުންނަށް ފޯރުކޮށްދެވޭ ފެނުގެ ޚިދުމަތުގެ ކަށަވަރުކަން އިތުރުކުރުމަށް ފަށާފައިވާ މަޝްރޫޢުތަކެވެ.