ޚަބަރު

ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި އަނިޔާވި މީހަކަށް އިމަޖެންސީގައި ފަރުވާދެނީ


  • މި ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު

4 މީހުންނާއެކު ދަތުރުކުރަމުން ދަނިކޮށް މިއަދު ބަންޑުން ޖަހާލި ލޯންޗުގައި ހިމެނޭ މީހުންގެ ތެރެއިން އެކަކަށް އިމަޖެންސީގައި ފަރުވާދެމުން އަންނަކަމަށް އައިޖީއެމްއެޗްއިން ބުނެފިއެވެ.

މާލޭ ރާޅުގަނޑު ސަރަހައްދާއި ދިމާލުން ލޯންޗެއް ބަންޑުން ޖަހާލާފައި ވަނީ މިއަދު ހަވީރު 5:00 ހާއިރުއެވެ. އެމްއެންޑީއެފްއިން ވިދާޅުވީ މި ލޯންޗުގައި ތިބީ 4 މީހުންކަމަށާއި އެއީ 2 ދިވެހިންނާއިި 2 ބިދޭސީން ކަމަށެވެ. އަދި އެ އެންމެންވެސް ސަލާމަތްކޮށްފައިވާކަމަށާއި އޭގެ ތެރެއިން 2 މީހަކަށް ކުދިކުދި އަނިޔާތަކެއް ލިބިފައިވާކަމަށްވެސް އެމްއެންޑީއެފްއިން ވިދާޅުވިއެވެ. އަދި އަނިޔާ ލިބިފައިވަނީ 2 ބިދޭސީންއަށް ކަމަށާއި އޭގެ ތެރެއިން 38 އަހަރުގެ ފިރިހެނަކަށް އައިޖީއެމްއެޗުގެ އިމަޖެންސީގައި އަންނަނީ ފަރުވާދެމުންނެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ އެ ލޯންޗުގެ ވެރިފަރާތުން ދޯންޏެއްގައި ކަފުޖަހައިގެން ލޯންޗު ގެންގޮސްފައިވާކަމަށެވެ.