ޚަބަރު

މިސްކިތް އެޅުމަށް ކާނިވަލާއި ސޯމިލު ހުސްކުރަން ފަށައިފި


ސަޢޫދީ ރަސްގެފާނު ސަލްމާނު ބިން ޢަބްދުލްޢަޒީޒުގެ ހިލޭ އެހީގެ ދަށުން ޢިމާރާތްކުރައްވާ މިސްކިތް ބިނާކުރައްވަން ހަމަޖެހިފައިވާ ސަރަޙައްދު ހުސްކުރެއްވުމާބެހޭ މަސައްކަތް ފަށްޓަވައިފިއެވެ. 

މި މިސްކިތަށްޓަކައި ހުސްކުރައްވަނީ ހެންވޭރު ސޯމިލްއާއި ކާނިވަލުގެ ބައެއް ހިމެނޭ ސަރަޙައްދެވެ. ޒަމާނީ ފެންވަރުގެ ޚީދުމަތްތައް ލިބޭ ގޮތަށް ފަރުމާ ކުރައްވައިގެން ހަ ބުރިއަށް އެޅުއްވުމަށް ނިންމަވާފައިވާ އެމިސްކިތަކީ ހަ ހާސް މީހުންގެ ޖާގައިގެ މިސްކިތެކެވެ. މިސްކިތް ފަރުމާކުރައްވާފައިވަނީ، ނަމާދުކުރުމުގެ އިތުރުން، ކުތުބުހާނާއަކާ، ގުރުއާނާއި ބެހޭ މަރުކަޒާއި، މަލްޓި ޕާޕަސް ހޯލަކާ، ޖަލްސާކުރާ މާލަމަކާ، އޮޑިޓޯރިއަމެއްގެ އިތުރުން ހާއްސަ ޕާކިން އޭރިއާއެއްވެސް ހިމެނޭގޮތަށެވެ.

މީގެ އިތުރުން ކުލާސް ރޫމްތައްވެސް ހިމެނޭ ގޮތަށް ޑިޒައިންކޮށް ހަ ބުރިއަށް ތަރައްގީކުރާ އެމިސްކިތުގެ އެކި ފަންގިފިލާތަކަށް އެރުމަށް ހަތަރު ލިފްޓް ބެހެއްޓިފައި ހުންނާނެއެވެ. އެ މިސްކިތުގައި ނަމާދުކުރުމަށް 41،500 އަކަފޫޓަށްވުރެ ބޮޑު ސަރަހައްދެއް ކަނޑައެޅުއްވާއިރު، ގުރުއާނާ ބެހޭ މަރުކަޒަށް 42،200 އަކަފޫޓު ކަނޑައަޅާފައިވެއެވެ. ކުތުބުހާނާއާއި އޮފީސް ޖާގައިގެ ގޮތުގައި 11،900 އަކަފޫޓު ހާއްސަކުރެވޭއިރު މަލްޓި ޕާރޕަސް ހޯލުގައި 28،700 އަކަފޫޓް ހުންނާނެއެވެ. އަދި ޖަލްސާކުރާ މާލަމާއި އޮޑިޓޯރިއަމަށް 12،100 އަކަފޫޓް ވަނީ ކަނޑައަޅުއްވާފައެވެ. އެމިސްކިތުގެ އެންމެ ބޮޑު ސަރަހައްދެއް ޕާކް ކުރުމަށް ހާއްސަކުރެވޭއިރު އެކަމަށް 44،196 އަކަފޫޓް ކަނޑައަޅުއްވާފައިވެއެވެ.