ސަރުކާރު ކުންފުނިތަކުން ޑޮލަރުން މުސާރައާއި އިނާޔަތް ދިނުން ހުއްޓާލުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ސަރުކާރުގެ ކުންފުނިތަކަށް އަންގައިފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިގޮތަށް އަންގާފައި މިވަނީ ސަރުކާރުގެ ވިޔަފާރި ތަންތަނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޚަރަދުކުޑަކުރަން ފިޔަވަޅުތަކެއް އަޅަމުންދާ ދަނޑިވަޅެއްގައެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ނެރުނު ސާކިއުލާއެއްގައި ބުނީ ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިސާދީ އަދި މާލީ ހާލަތުން އަރައިގަތުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ދައުލަތުގެ ޚަރަދުތައް ހަމަމަގަށް އެޅުވުމަށް ގިނަގުނަ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ. އަދި މި މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުންނާއި ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ހާލަތު ކުރިއެރުވުމަށްޓަކައި ދައުލަތުގެ ވިޔަފާރި ތަންތަނުގެ ޚަރަދު ވީހާ ވެސް ކުޑަކުރުމަކީ މުހިންމުކަމެއްކަން ޕީސީބީން ފާހަގަކުރެއެވެ.
ޕީސީބީން ވަނީ ކުންފުނިން މިހާރު ފާސްކޮށްފައިވާ އިދާރީ އޮނިގަނޑުގައި ހިމެނޭ މަގާމެއް ކަމުގައި ވީނަމަވެސް، ކުންފުނިތަކުގެ އޮޕަރޭޝަންސް ހިންގުމަށް ކޮންމެހެން ނަގަންޖެހޭ މުވައްޒަފުން ފިޔަވާ އިތުރު މުވައްޒަފުން ނުނެގުމަށް އަންގާފައެވެ. އަދި މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ބަދަލު އަންނާނެ ފަދަ އެއްވެސް ބަދަލެއް ނުގެނައުމަށާއި ރަސްމީގަޑީގެ ބޭރުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް މެނުވީ އިތުރުގަޑީގެ މަސައްކަތް ނުކުރުމަށްވެސް ޕީސީބީން އަންގާފައިވެއެވެ.
ޕީސީބީގެ ސާކިއުލާގައި ވާގޮތުން ދައުލަތުގެ ވިޔަފާރި ތަންތަނުގެ ތެރެއިން ޑޮލަރުން އާމްދަނީ ލިބޭ ތަންތަނުން ޑޮލަރުން މުސާރައާއި އިނާޔަތް ދިނުން ހުއްޓާލުމަށްވެސް އަންގާފައިވެއެވެ. އަދި ތަމުރީނުތައް ހިންގުމުގައި ކުންފުނީގެ ކަމާގުޅޭ މުވައްޒަފުން ބޭނުންކުރުމާއި ރާއްޖޭގެ ލިބެން ހުރި ވަސީލަތްތައް ބޭނުންކުރުމުގެ އިތުރަށް މި ވަގުތަށް ކުރަންޖެހޭ މަސައްކަތެއް ނޫނީ އެހެން މަސައްކަތްތައް އައުޓްސޯސްކޮށްގެން ނުކުރުމަށްވެސް އަންގާފައިވެއެވެ.
ޕީސީބީގެ ސާކިއުލާގައި ވަނީ ރާއްޖެއިން ބޭރަށާއި، އަތޮޅުތެރެއަށް ކޮންމެހެން ކުރަންނުޖެހޭ ރަސްމީ ދަތުރުތައް ކުރުން މި ވަގުތަށް ހުއްޓާލައި، ބައިނަލްއަގުވާމީ ކަސްޓަމަރުންނާއި ސަޕްލަޔަރުންނާ އޮންލައިންކޮށް ބައްދަލުކުރުމަށް އަންގާފައެވެ. އަދި ރަސްމީ ދަތުރުތަކުގެ ދިގުމިން ހަ ގަޑިއިރަށްވުރެ ދިގުނުވާނަމަ ފަސްޓް ކްލާހުގައި ދަތުރުނުކުރުމަށާއި ދަތުރުގެ ހުރިހާ ޚަރަދެއް ބޭރުގެ ފަރާތްތަކުން ދޭ ދަތުރުތަކުގައި ކުންފުނިން ކުރާ ޚަރަދު ވީހާ ވެސް ކުޑަކުރުމަށްވެސް ވަނީ އަންގާފައެވެ. ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގެ އިތުރަށް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ކުރާ ދަތުރުތައް ކުރުމުގައިވެސް ޚަރަދުކުޑަވާނެގޮތަށް ދަތުރުތައް ކުރުމަށް ޕީސީބީން އަންގާފައިވެއެވެ.
ޚަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅެއްގެގޮތުގައި ކުންފުންޏަށް ސީދާ ގޮތުން ފައިދާވާ ބޭރުގެ މަހާސިންތާތަކާއި ފެއާތަކުގައި ނޫނީ ބައިވެރިނުވުމަށާއި ކަރަންޓުގެ ޚަރަދުކުޑަކުރުމަށްޓަކައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމަށްވެސް ޕީސީބިން ވަނީ އަންގާފައެވެ. އަދި ކުންފުނީގެ އެނުއަލް ޕްރޮކިއުމަންޓް ޕްލޭނާއި ބަޖެޓާއި އެއްގޮތަށް ޕްރޮކިއުމަންޓްތައް ހިންގުމާއި، ކޮންސިއުމަބަލް ގަތުމުގައި ކޮންމެހެން ބޭނުންވަރަށް ގަތުމާއި، ސީއެސްއާރު އަދި ސްޕޮންސަޝިޕަށް ކުރާ ޚަރަދުތައް މަދުކުރުމަށް ވެސް ސާކިއުލާގައި ބުނެފައިވެއެވެ. މީގެ އިތުރުން ފާސްކޮށްފައިވާ އަހަރީ ބަޖެޓުގައި ހިމަނާފައިވާ ކަންކަމުގެ ތެރެއިން ވެސް ކޮންމެހެން ކުރަންޖެހޭ ކަންކަން ފިޔަވާ އިތުރު ޚަރަދުތައް މިވަގުތު ނުކުރުމާއި އިސްރާފު ކުޑަކުރެވޭނެހެން މަސައްކަތްތައް ރޭވުމަށްވެސް ބުނެފައިވެއެވެ.