ފުލުހުން ހިންގާފައިވާ ތަހުގީގެއް ރިޕޯޓެއްކަމަށް ބުނެ ސޯޝަލް މީޑިއާގައި މިހާރު ދައުރުކުރަމުންދަނީ ސައްހަ ނޫން ރިޕޯޓެއްކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރުމަށް ސައްހަ ނޫން ކޯޓު އަމުރެއް ބަޔަކު ނެރުނު މައްސަލައިގެ ތަހުގީގީ ރިޕޯޓްކަމަށް ބުނެ ސައްހަ ނޫން ރިޕޯޓެއް ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާތީ ނެރުއްވި ނޫސް ބަޔާނުގައެވެ.
ފުލުހުން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރުމަށް ސައްހަ ނޫން ކޯޓު އަމުރެއް ބަޔަކު ނެރުނު މައްސަލައިގެ ތަހުގީގީ ރިޕޯޓްކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ސައްހަ ރިޕޯޓެއް ނޫންކަމަށެވެ. އެގޮތުން ދައުަުރުކުރަމުންދާ ރިޕޯޓްގައި ބޭނުންކޮށްފައިވާ ލެޓަރ ހެޑް ދިމާނުވާއިރު، އަދި ސޮއިވެސް ބޭނުންކޮށްފައިވަނީ ފޯޖްކޮށްގެންކަމަށް ފުލުހުންގެ ބަޔާނުގައި ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މިހާރު ދައުރުކުރަމުންދާ ރިޕޯޓަކީ ފުލުހުންގެ ރަސްމީ ލިޔެކިޔުންތަކުގައި ބޭނުންކުރާ ފޯމެޓް ކޮޕީކޮށް، ސޮއިތައްވެސް ފޯޖުކޮށްގެން އުފައްދާފާއިވާ ސައްހީ ނޫން ވާހަަކަތަކެއް ހިމެނޭ ރިޕޯޓެއްކަމަށެވެ. އެހެންކަމުން މި މައްސަލަ ސީރިއަަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށް ފުލުހުންގެ ބަޔާނުގައި ވިދާޅުވިއެވެ.
ފުލުހުންގެ ނަމުގައި ސައްހަ ނޫން ރިޕޯޓެއް ތައްޔާރުކުރި މައްސަލަ ތަހުގީޤުކުރަމުންދާއިރު އޭސީސީގެ ނަމުގައި ސައްހަ ނޫން ރިޕޯޓެއް ދައުރުކުރަމުންދާ މައްސަލަވެސް އެ މުއައްސަސާގެ އެދުމުގެ ތަހުޤީޤުކުރަން ފަށާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.
ފުލުހުންގެ ބަޔާނުގައި ވަނީ އާއްމުންގެ މެދުގައި އެކިއެކި ފަރާތްތަކާމެދު ނުބައި ތަސައްވުރެއް އުފެދޭގޮތަށް އެކި ފަރާތްތަކުން ފަތުރާ ހަބަރުތައް ފެތުރުމުގައި ބައިވެރިނުވުމަށްވެސް އިލްތިމާސްކޮށްފައެވެ.