ޚަބަރު

މީދޫގައި ޕޮލިސް ސްޓޭޝަނެއް ހުޅުވައިފި


ނިލަންދެ އަތޮޅު ދެކުނުބުރީ މީދޫގައި ފުލުހުން ދާއިމީކޮށް ތިބޭގޮތަށް ހަމަޖައްސައި، އެރަށުގައި ޕޮލިސް ސްޓޭޝަނެއް ހުޅުވައިފިއެވެ.

ފުލުހުންގެ ޚިދުމަތް ރައްޔިތުންނަށް އެންމެ ގާތުން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ނިލަންދެ އަތޮޅު ދެކުނުބުރީ މީދޫގައި ރަސްމީކޮށް ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވީ މީދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢުމަރު ނަޞީރު އާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފްއެވެ.

ޕޮލިސް ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވީ މީދޫގައި ފުލުހުންގެ ޚިދުމަތް ފެށިގެން މިދަނީ ގިނަ ދުވަސްތަކެއް ވަންދެން އެކަމަށް ރައްޔިތުން އެދިގެން ކުރި މަސައްކަތްތަކަކުން ކަމަށެވެ. ހަމަ އެއާއެކު މިއީ މީދޫ ކައުންސިލުން ކުރި މިންނެތް މަސައްކަތުގެ ނަތީޖާ ކަމަށްވެސް މިނިސްޓަރ އުމަރު ނަޞީރު ވިދާޅުވިއެވެ. އަދި މީދޫ ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަން ލިބިދިނުމަށް ކުރަންޖެހޭ ކަންކަން ފުލުހުން މެދުވެރިކޮށް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަންވެސް މިނިސްޓަރ ޢުމަރު ނަޞީރު އެރުވިއެވެ.

img:http://s1.psmnews.mv/images/660x400/14645349662130.jpg|މީދޫ ޕޮލިސް ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕޮލިސް މީޑިއާ

ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް މިއަދަކީ ފުލުހުންގެ ޚިދުމަތުގެ ތާރީޚުގައި އަނެއްކާވެސް މުހިއްމު ދުވަހެއް ކަމަށާއި ފުލުހުން ދެމިތިބޭނީ ރައްޔިތުންނަށް ޚިދުމަތްކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދޭ ބައެއްގެ ގޮތުގައި ކަމަށެވެ. ހަމަ އެއާއެކު ޤައުމުގައި ޞުލްްޙަ މަސަލަސްކަން ޤާއިމްކޮށް އަމާންކަން ދެމެހެއްޓުމަށް ކުރަންޖެހޭ ކޮންމެ ކަމަކީ ފުލުހުން އުފަލާއެކު ކުރަމުންދާނެ މަސައްކަތެއް ކަމުގައިވެސް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މީދޫ ކައުންސިލްގެ ރައީސް އަޙްމަދު އަސްލަމް ވިދާޅުވީ މީދޫގައި ފުލުހުންގެ ޚިދުމަތް ފެށިގެން މިދަނީ ގިނަ ދުވަސްތަކަކު އެކަމަށް އެދިގެން މިހާރުގެ ކައުންސިލާއި ކުރީގެ ކައުންސިލުން ކުރި ބުރަ މަސައްކަތެއްގެ ތެރެއިން ކަމަށެވެ. އަދި މިހާރުގެ މުޖުތަމަޢުގައި އަމަންބަލަހައްޓާނެ މީހުންނަކީ ވަރަށް މުހިއްމު ބައެއް ކަމަށާއި އެކަން ނުކުރެވޭނަމަ މުޖުތަމަޢު އޭގެ އެންމެ ފުރިހަމަ ގޮތުގައި ދެމި އޮންނަން ދަތިތައް ކުރިމަތިވާނެ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

މީދޫގައި ހުޅުވުނު ޕޮލިސް ސްޓޭޝަނާއެކު 79 ރަށެއްގައި ފުލުހުންގެ ޚިދުމަތް ފެށުނީއެވެ.