ޚަބަރު

ދަރަވަންދޫ ކުނި މެނޭޖްކުރާ މަރުކަޒުގެ ޚިދުމަތް އަންނަމަހު ފަށަނީ


އުތުރުގެ އަތޮޅުތަކުގެ ތެރެއިން ނ، ރ، ބ އަދި ޅ. ހިމެނޭ ސަރަޙައްދަކީ 65000 މީހުންގެ އާބާދީއެއް ދިރިއުޅޭ ސަރަޙައްދެކެވެ. މި 4 އަތޮޅުގައި މީހުން ދިރިއުޅޭ 44 ރަށް އޮންނައިރު، 22 ރިޒޯޓް ހިންގައެވެ. މި ހަތަރު އަތޮޅަށް ބަލާއިރު، އެވްރެޖްކޮށް ދުވާލަކު 62 ޓަނުގެ ކުނި އުފައްދާކަމަށް އެންވަޔަރމަންޓް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މި ސަރަޙައްދުގައި ސަރުކާރުން ހިންގަވާ ކުނި ނައްތާލުމުގެ މައި މަޝްރޫއު ކުރިއަށް ގެންދަނީ ވޯލްޑް ބޭންކުގެ ލޯން އެހީއާއި ހިލޭ އެހީ އަދި ސަރުކާރުގެ ބަޖެޓުން ޚަރަދުކުރައްވައިގެނެވެ. 

ބ ދަރަވަންދޫގައި ކުނި މެނޭޖްކުރުމުގެ ނިޒާމެއް ޤާއިމްކުރެއްވުމަށް މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތުގައި އެރަށުގައި ކުނި އުފުލަން ބޭނުންކުރާނެ ޕިކަޕެއް ހޯއްދެވުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށާއި އަދި މި މަސައްކަތުގައި ޙަރަކާތްތެރިވާނެ ފަރާތްތައް ހޯދުމުގެ މަސައްކަތްވެސް މިހާރު ގާތްގަނޑަކަށް ނިމުމަކަށް އައިސްފައިވާ ކަމުގައި ދަރަވަންދޫ ކައުންސިލުން މަޢުލޫމާތުދެއްވައެވެ. އެ ކައުންސިލްގެ ރައީސް ޙުސައިން ނިޒާމް ވިދާޅުވީ ބ. ދަރަވަންދޫގައި ޤާއިމްކުރައްވާފައިވާ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ޢަމަލީ މަސައްކަތް އަންނަމަހު ފެށުމުން އެރަށަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ޙައްލެއް ލިބިގެންދާނެ ކަމަށެވެ.

ދަރަވަންދޫގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ވީ.އަވަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފައިވާއިރު މިއީ ސަތޭކަ ހަތްދިހަ ހާސް ރުފިޔާގެ ޕްރޮޖެކްޓެކެވެ. މި މަސައްކަތް 15 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ވަނީ ހަމަޖެހިފައެވެ. ދަރަވަންދޫ ކައުންސިލުން ވިދާޅުވީ މި ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތްތައް ކުރިއަށްދާނި ސީދާ އެކައުންސިލްގެ ބެއްލެވުމުގެ ދަށުންކަމަށެވެ. 

ރާއްޖޭގެ އުތުރުގެ ހަތަރު އަތޮޅެއްގައި ކުނި މެނޭޖްކުރުމުގެ ބޮޑު ޕްރޮޖެކްޓް ރ. ވަންދޫގައި މިހާރު ފެށިގެން ކުރިއަށްދާއިރު ސަރުކާރުން މިހާރު ވަނީ މި ކޮންސެޕްޓްގެ ދަށުން އިތުރު ސަރަޙައްދުތަކުގައިވެސް ކުނި ނައްތާލުމުގެ މަސައްކަތް ފެއްޓެވުމަށް ތައްޔާރުވެވަޑައިގެންފައެވެ. އެގޮތުން އެންމެ އުތުރުގެ 3 އަތޮޅުގައި ކުނި ނައްތާލާ ޚާއްޞަ ރަށެއް ކަނޑައެޅުއްވުމުގެ މަސައްކަތް މިހާރު ފެށިފައިވާކަމަށް އެންވަޔަރމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ދެކުނުން ސ. އަދި ޏ. އަތޮޅާއި، ގއ. އަދި ގދ އަތޮޅުގައިވެސް މި ކޮންސެޕްޓަށް ކުނި ނައްތާލެއްވުމަށް ނިންމަވާފައިވާ ކަމުގައި އެންވަޔަރމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.