ޖަރުމަނުގެ އައު ކެޕްޓަނަކަށް ބަޔާން މިއުނިކުގެ މިޑްފީލްޑަރު ޖޯޝުއާ ކިމިޗް ހަމަޖައްސައިފިއެވެ.
އުމުރުން 29 އަހަރުގެ ކިމިޗް ޖަރުމަނުގެ ކެޕްޓަންކަމަށް އައްޔަންކޮށްފައިވާކަން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޓީމުގެ ކޯޗު، ހޫލިއަން ނާގަލްސްމަން ވަނީ ކަށަވަރުކޮށްދީފައެވެ.
"ކެޕްޓަން، ޓީމުގެ ހިޔާލު ކޯޗިންގ ޓީމާ ހިއްސާކުރޭ. އޭނާއަކީ އެ މަޤާމަށް އެންމެ އެކަށީގެންވާ މީހާ. އޭނާގެ ވިސްނުމުން ޓީމަށް މަގުދައްކައިދޭ،" ނޫސްވެރިންނަށް މައުލޫމާތު ދެމުން ނާގަލްސްމަން ބުންޏެވެ.
ޖަރުމަނުގެ ގައުމީ ޓީމުގެ ކެޕްޓަނަކަށް ހަމަޖައްސާފައިމިވަނީ އެންމެ ފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށްފަހު ގިނަ އަދަދެއްގެ ސީނިއާ ކުޅުންތެރިން ރިޓަޔާކުރުމާ ގުޅިގެންނެވެ. އެގޮތުން، ޔޫރޯގައި ޖަރުމަނުގެ ކެޕްޓަންކަން ކުރި، އިލްކާއީ ގުންޑޮގާންގެ އިތުރުން ކުރީގެ ކެޕްޓަން އަދި ގޯލްކީޕަރު، މެނުއެލް ނޯޔާ އާއި ތޯމަސް މުލާ ވަނީ ކުޅުން ހުއްޓާލައިފައެވެ.
ޖަރުމަނު ޓީމުގެ ވައިސް ކެޕްޓަނުންގެ ގޮތުގައި ރިއަލް މެޑްރިޑްގެ ސެންޓަރ ބެކް އެންޓޯނިއޯ ރޫޑިގަރ އަދި އާސެނަލްގެ ފޯވަޑް ކައި ހަވަރޓްޒް ވައިސް ކެޕްޓަނުންގެ ގޮތުގައި ހަރަކާތްތެރިވާނެއެވެ.
"މި ތިން ކުޅުންތެރިންނާއެކު ވަރަށް ރަނގަޅު މިކްސްއެއް އަޅުގަނޑުމެންނަށް ލިބިފައިވޭ،" ނާގަލްސްމަން އިތުރަށް ބުންޏެވެ.
2016 ވަނަ އަހަރުން ފެށިގެން ޖަރުމަނަށް ކުޅެމުންއަންނަ ކިމިޗްގެ ކެޕްޓަންކަމުގައި އެ ޓީމުން ނިކުންނަ ފުރަތަމަ މެޗުގައި ޔުއެފާ ނޭޝަންސް ލީގުގައި އަންނަ ހޮނިހިރު ދުވަހު އަމިއްލަ ދަނޑުގައި ބައްދަލުކުރާނީ ހަންގޭރީ އާ އެވެ. އެއަށްފަހު ސެޕްޓެންބަރު މަހުގެ 10 ވަނަ ދުވަހު ރަށުން ބޭރުގައި ނިކުންނާނީ ނެދަލެންޑްސްއާ ދެކޮޅަށެވެ.
މިހާތަނަށް ޖަރުމަނު ޓީމަށް 91 މެޗު ކުޅެދީފައިވާ ކިމިޗް ވަނީ ޖުމްލަ 17 ފަހަރު މަތީން އެ ޓީމުގެ ކެޕްޓަންކަން ކޮށްފައެވެ. އޭގެތެރޭގައި، އެހެން ކުޅުންތެރިއަކު ބަދަލުކުރުމުންނާއި، އިންޖަރީވުމުން ހަވާލުވި މެޗުތައް ވެސް ހިމެނެއެވެ. އޭނާ އެންމެ ފަހުން ގައުމީ ޓީމުގެ ކެޕްޓަންކަން ކޮށްފައިވަނީ މިދިޔަ އަހަރު ކުޅެވުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުތަކެއްގައެވެ. މީގެއިތުރުން، ކިމިޗް ކުޅެމުން އަންނަ ކްލަބު، ބަޔާންގައި ވެސް އޭނާ ވަނީ އެކި ފަހަރުމަތީން ކެޕްޓަން ބޭންޑް އަޅައިގެން ކުޅެ، ޒިންމާ އަދާކޮށްފައެވެ.