ސިޔާސީ

ދެވަނަ ދައުރުގެ ޖަލްސާތައް އަންނަ ހަފްތާގައި ފަށަނީ


ރައްޔިތުން މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް އަންނަ ހަފްތާގައި ފައްޓަވާނޭކަމަށް ރައްޔިތުން މަޖިލީހުގެ އިދާރާއިން ހާމަކުރައްވައިފިއެވެ.

ރައްޔިތުން މަޖިލީހުގެ އަމީން އާއްމު އަހުމަދު މުހައްމަދު ވިދާޅުވީ މި އަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް ފެށިގެންދާނީ އަންނަ ރޯދަމަހުގެ ތެރޭގައިކަމަށެވެ. އެހެންނަމަވެސް ޖަލްސާތައް ފައްޓަވާނެ ވަކި ތާރީހެއް އަދި ކަނޑައަޅުއްވާފައިނުވާކަމަށް އަމީން އާއްމު އަހުމަދު މުހައްމަދު ވިދާޅުވިއެވެ.

މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ އެންމެފަހު ޖަލްސާ ބާއްވަވާފައިވަނީ އޭޕްރީލް މަހުގެ 20 ވަނަ ދުވަހުއެވެ. ފުރަތަމަ ދައުރުގައި މަޖިލީހުގެ އުފެއްދުންތެރިކަމުގެ ނިސްބަތަކީ 88.2 އިންސައްތަކަމަށް މަޖިލީހުން ވިދާޅުވެއެވެ. 11.8 އިންސައްތަ މަސައްކަތް ނިމިފައިނުވާއިރު ފުރަތަމަ ދައުރުގައި މަޖިލީހުގެ ތަޅުމުން 16 ބިލެއްގެ މަސައްކަތް ނިންމަފައިވެއެވެ. އަދި 8 ބިލެއް މަޖިލީހުގެ ތަޅުމުގައި އެބައޮތެވެ. ސަރުކާރުގެ އެކި މަޝްރޫއުތަކަށް ޖަވާބުދާރީކުރުވުމުގެ ގޮތުން ތޭރަ މިނިސްޓަރަކު މަޖިލީހަށް ހާޒިރުކުރައްވާ އެކިކަންކަމުގައި ސުވާލުކުރައްވާފައިވެއެވެ.