ޚަބަރު

ޖަރުމަނުވިލާތުގައި ރާއްޖެ ތަމްސީލުކުރަން އެޖެންސީއެއް ހޯދަނީ


  • ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު މިމަހުގެ 19 ވަނަ ދުވަހާ ހަމައަށްވަނީ ހުޅުވާލާފައި

  • މަހަކަށް 3600 ޑޮލަރުގެ ބަޖެޓެއް ކަނޑައަޅާފައިވޭ

  • ޖަރުމަނަކީ 5ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރާ ޤައުމު

ޖަރުމަނުވިލާތުގައި ރާއްޖެ ތަމްސީލުކުރުމަށް އެޖެންސީއެއް ހޯދުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނުން އިޢުލާންކޮށްފިއެވެ.

ޖަރުމަނުވިލާތުގައި ރާއްޖެ ތަމްސީލުކުރުމަށް އެޖެންސީއެއް ހޯދަނީ އެއް އަހަރު ދުވަހުގެ މުއްދަތައްކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.

މިފަދަ އެޖެންސީއެއް ހޯދުމުގެ މަޤްސަދަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ޖަރުމަން މީހުން އަހުލުވެރިކުރުމާއި އެޤައުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުުރކުރުމެވެ.

ޖަރުމަނުވިލާތުގައި ރާއްޖެ ތަމްސީލުކުރުމަށް ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު މިމަހުގެ 19 ވަނަ ދުވަހާހަމައަށް ވަނީ ހުޅުވާލާފައެވެ. މި މަޝްރޫޢަށް އެމްއެމްޕީއާރްސީން ވަނީ މަހަކަށް 3600 ޑޮލަރުގެ ބަޖެޓެއް ކަނޑައަޅާފައެވެ. އެމްއެމްޕީއާރްސީގެ އިއުލާނުގައިވާ ގޮތުން މިމަޝްރޫޢަށް ބީލަން ހުށަހަޅާ އެޖެންސީއަކީ ފާއިތުވި ފަސް އަހަރު ތެރޭގައި އެފަދަ މަސައްކަތެއްގެ ތަޖުރިބާ ލިބިފައިވާ އެޖެންސީއަކަށް ވާންޖެހެއެވެ.

އެފަދަ ތަޖުރިބާއެއް ލިބިފައި ނެތް ނަމަ، ނުވަތަ މިކަމަށް އެދި ހުށަހަޅާއިރު ތަޖުރިބާގެ ލިޔުމެއް ނުވަތަ އީމެއިލްއެއް ހުށަހަޅާފައި ނުވާނަމަ ޑިސްކޮލިފައިވާނެއެވެ. މީގެ އިތުރުން އެފަދަ އެޖެންސީއަކީ ރާއްޖެއާއި ޖަރުމަނުވިލާތުގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ހޭލުންތެރި ބަޔަކަށްވެސް ވާންޖެހެއެވެ.

ޖަރުމަނުވިލާތަކީ މިހާރު ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ 10 މާކެޓުތަކުގެ 5 ވަނައިގައި ހިމެނެ ޤައުމެވެ. އެގޮތުން މިއަހަރުގެ މިހާހިސަބަށް 96000އަށްވުރެ ގިނަ ފަތުރުވެރިން އެޤައުމުން އައިސްފައިވެއެވެ. ފަތުރުވެރިކަމުގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށްވަނީ ޖުމްލަ 1.3 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ސަރުކާރުން މިއަހަރަށް އަމާޒު ހިފާފައިވަނީ 2 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ. މި އަމާޒަށް ވާޞިލްވުމަށާއި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިޙާރުކުރުމަށް އެމްއެމްޕީއާރްސީން އަންނަނީ އެކި ފެއަރތަކުގައި ބައިވެރިވެ ރާއްޖެ ޕްރޮމޯޓްކުރަމުންނެވެ.