ޚަބަރު

އުރުދުންގެ ބޮޑުވަޒީރުކަމުގެ މަޤާމަށް އައު ބޭފުޅަކު !


އުރުދުންގެ ރަސްގެފާނު އަބްދުﷲ ދެވަނަ، އެގައުމުގެ ބޮޑުވަޒީރުކަމުގެ މަޤާމަށް ސިޔާސީ ތަޖުރިބާކާރެއްކަމަށްވާ ހާނީ އަލްމުލްގީ އައްޔަން ކުރައްވައިފިއެވެ.

އުރުދުންގެ ރަސްގެފާން، އެޤައުމުގެ ބޮޑުވަޒީރުގެ މަޤާމަށް އައު ބޭފުޅަކު މި އައްޔަންކުރެއްވީ، އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ހަތަރު އަހަރުގެ ދައުރު ހަމަވެ، ބޮޑުވަޒީރުކަމުގެ މަޤާމުގައި ހުންނެވި އަބްދުﷲ އައްނައްސޫރު މިދިޔަ ހުކުރުދުވަހު މަޤާމުން އިސްތިއުފާދެއްވުމާއި ގުޅިގެނެވެ.

އައު ބޮޑުވަޒީރު ހާނީ އަލްމުލްގީ އެމަގާމަށް އައްޔަންކުރައްވާފައިވަނީ ޕާލަމެންޓްރީ އިންތިޚާބުގެ ކަންތައްތައް ބެލެހެއްޓުމަށްޓަކައި ވަގުތީ ގޮތުންކަމަށް ޚަބަރުތައް ބުނެއެވެ.

އަލްމުލްގީއަކީ އުރުދުންގެ ބޮޑުވަޒީރުކަން މިހާތަނަށް ކުރައްވާފައިވާ ބޭފުޅެއް ނޫންނަމަވެސް އޭނާއަކީ އެގައުމުގެ ސިޔާސީ ބޭފުޅުންގެ ތެރޭގައި ހިމެނޭ ދުވަސްވީ ތަޖުރިބާކާރެކެވެ.

ދާއިމީ ބޮޑުވަޒީރަކު އައްޔަން ކުރައްވާނީ ޕާލަމެންޓްގެ އިންތިޚާބަށްފަހުގައި ކަމަށް ޚަބަރުތައް ބުނެއެވެ. 

އަބްދުﷲ ރަސްގެފާނު ވަނީ އުރުދުންގެ ޕާލަމެންޓް އުވާލައްވައި އައު ޕާލަމެންޓެއް އިންތިޚާބުކުރުމުގެ އަމުރު ނެރުއްވާފައެވެ. އަދި އުރުދުންގެ ޤާނޫނުތަކުގައިވާ ގޮތުން ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަންޖެހެއެވެ.