ކުޅިވަރު

މުލާ ރިކޯޑު ހެދި މެޗުން ބަޔާނަށް މޮޅެއް


ޖަރުމަން ލީގުގައި ބަޔާން މިއުނިކަށް އެންމެ ގިނަ މެޗު ކުޅެދިނުމުގެ ރިކޯޑު ގާއިމުކޮށް، ތޯމަސް މުލާ ލަނޑު ޖެހި މެޗުން އެ ޓީމު 2-0 ގެ ނަތީޖާއަކުން ފްރެއިބާގް އަތުން މޮޅުވެއްޖެއެވެ.

މި މެޗުގެ ފަހު ހާފުގައި ކުޅެން ނިކުމެ މުލާ، 34، ވަނީ 710 މެޗު ހަމަކޮށް، ބަޔާންގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ މެޗު ކުޅެދިނުމުގެ ރެކޯޑް ގާއިމްކޮށްފައެވެ. މުލާގެ ކުރީން މި ރެކޯޑް އޮތީ ޖަރުމަނުގެ ކުރީގެ ގޯލްކީޕަރު، ސެޕް މެއިއާ އަތުގައެވެ. އޭނާ ވަނީ ބަޔާނަށް ހުރިހާ މުބާރާތެއްގައި 709 މެޗު ކުޅެދީފައެވެ.

ބަޔާންގެ އެލިއާންޒް އެރީނާގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ދަނިކޮށް، އެ ޓީމުން ލީޑްނެގީ ލިބުނު ޕެނަލްޓީއަކުން އިނގިރޭސި ކެޕްޓަން، ހެރީ ކޭން ވައްދާލި ލަނޑުންނެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ފްރެއިބާގްގެ ކްރިސްޓިއަން ގުންޓާ އަތުގައި ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ. މިއީ ނިމިދިޔަ ސީޒަނުގެ ލީގުގައި 36 ލަނޑުޖަހައިގެން ރަން ބޫޓް ހާސިލްކުރި ކޭން، މި ފަހަރުގެ ޖަރުމަނު ލީގުގައި ޖެހި ފުރަތަމަ ގޯލެވެ.

މެޗުގެ 78 ވަނަ މިނެޓުގައި ބަޔާންގެ ދެވަނަ ލަނޑުޖަހައިދީ، އެ ޓީމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ މުލާ އެވެ. މުލާ މި ލަނޑުޖަހައިދިނީ އެ ޓީމުގެ ހަލުވި ވިންގް، ސާޖް ނެބްރީ ދިން ބޯޅައަކުންނެވެ. މިއީ ބަޔާންގެ ޖާޒީގައި ލީގުގައި މުލާ ޖެހި 150 ވަނަ ގޯލެވެ. އޭނާ ވަނީ މި މެޗުގައި އެ ޓީމަށް އެންމެ ގިނަ މެޗު ކުޅެދިނުމުގެ ރެކޯޑް ގާއިމްކޮށްފައެވެ.

ފްރެއިބާގަށް ސުން ކަނޑުވާލައިދޭން އިތުރުވަގުތުގެ ތެރޭގައި ވަނީ ރަނުގެ ފުރުޞަތެއްލިބި ބޭކާރުވެފައެވެ. ޕެނަލްޓީއޭރިޔާ ތެރެއިން ބަޔާންގެ ޕޯޗުގީޒް މިޑްފީލްޑަރު، ޖޮއާއޯ ޕަލީނިއާ އަތުގައި ޖެހުމުން ލިބުނު މި ޕެނަލްޓީ ލޫކަސް ހޮލެއާ ފޮނުވާލުމުން ދިޔައީ ގޯލްގެ ހުރަސްދަނޑިމަތިން ބޭރަށެވެ.

މި ނަތީޖާއާއެކު ބަޔާނުން ވަނީ އައު ކޯޗު، ވިންސެންޓް ކޮމްޕެނީގެ އިރުޝާދުގެ ދަށުން މިހާތަނަށް ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ހޯދައިފައެވެ. މިއާއެކު، ލީގުގައި މިހާތަނަށް ކޮންމެ ޓީމަކުން ދެ މެޗު ކުޅުނުއިރު، ބަޔާން ހިމެނެނީ އެފްސީ ހެއިޑެންހެއިމް އާއި އާރްބީ ލީޕްޒީގާއެކު ފުރިހަމަ ރެކޯޑް އޮތް ހަމައެކަނި ތިން ޓީމުގެ ތެރޭގައެވެ.

ބަޔާނަށް ދެން އޮތީ މި މަހުގެ 14 ވަނަ ދުވަހު ރަށުން ބޭރުގައި އަލަށް ޕްރޮމޯޓުވި ހޯލްސްޓެއިން ކިއެލްއާ ބައްދަލުކުރާ މެޗެވެ. އެއަށްފަހު އޭގެ ހަތަރު ދުވަސް ފަހުން ބަޔާނުން ދެން ނިކުންނާނީ ޔުއެފާ ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި ކްރޮއޭޝިއާގެ ޑީނަމޯ ޒަގްރެބާ ދެކޮޅަށެވެ.