ކުޅިވަރު

ޑިއާޒްގެ ދެ ލަނޑާއެކު ލިވަޕޫލުން ޔުނައިޓެޑް ބަލިކޮށްފި


އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ ލުއިސް ޑިއާޒް ކާމިޔާބުކުރި ދެ ލަނޑާއެކު ލިވަޕޫލުން 3-0 ގެ ނަތީޖާއަކުން ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފިއެވެ.

މި މެޗުން ހޯދީ މޮޅާއެކު ލިވަޕޫލްގެ ކޯޗު، އާނޭ ސްލޮޓް ވަނީ މިދިޔަ 49 އަހަރުގެ ތެރޭގައި ޔުނައިޓެޑާ ދެކޮޅަށް ނިކުތް ފުރަތަމަ މެޗުން މޮޅުވި އެ ކްލަބުގެ ފުރަތަމަ ކޯޗުގެ ޝަރަފު ހޯދާފައެވެ. އަދި މިއީ 1936 އަހަރުގެ ފަހުން ރަށުން ބޭރުގައި ޔުނައިޓެޑްގެ މައްޗަށް ލިވަޕޫލްގެ ކޯޗެއް މޮޅެއް ހޯދި ފުރަތަމަ ފަހަރު ވެސް މެއެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި ކުޅުނު މި މެޗު ފެށިގެން ޑޮމިނޭޓްކުރަމުންދިޔަ ލިވަޕޫލުން ލީޑްނެގީ 35 ވަނަ މިނެޓުގައި އެ ޓީމުގެ މިސްރު ފޯވާޑް، މުޙައްމަދު ސަލާހު ނަގައިދިން ހުރަހަކުން ޑިއާޒް ބޮލުން ވައްދާލި ލަނޑުންނެވެ. މިއީ މެދުތެރެއިން ޔުނައިޓެޑްގެ ކަސެމީރޯ އަތުން ގެއްލުނު ބޯޅައެއް ހޯދައި، ލިވަޕޫލްގެ ކުޅުންތެރިން އުފެއްދި ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ.

ލިވަޕޫލުން ލީޑްނެގުމުގެ ކުރީން، އެ ޓީމުގެ އިނގިރޭސި ޑިފެންޑަރު، ޓްރެންޓް އެލެގްޒެންޑާ-އާނޯލްޑް ގޯލެއް ކާމިޔާބުކުރިއިރު ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ އެ ލަނޑު ގަބޫލެއްނުކުރިއެވެ. އެއީ އާނޯލްޑް އަށް އެ ބޯޅަ ލިބުމުގެ ކުރީން، ސަލާހު އޮފްސައިޑް މަގާމެއްގައި ހުރެ އޭނާ އަށް ޕާސް ދިނުމުންނެވެ.

އޭގެފަހުން، ފުރަތަމަ ހާފު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް ލިވަޕޫލްގެ ދެވަނަ ލަނޑުޖަހައިދިނީ ވެސް ޑިއާޒް އެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ވެސް ސަލާހު އެވެ. ލިވަޕޫލުން މި ލަނޑުޖެހީ ވެސް ކަސެމީރޯ އަތުން ގެއްލުނު ބޯޅައަކުންނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން 11 މިނެޓުގެ ތެރޭގައި، ލިވަޕޫލްގެ ތިންވަނަ ލަނޑުޖަހައިދިނީ ސަލާހު އެވެ. ސަލާހު މި ލަނޑުޖެހީ ޑޮމިނިކް ސޮބޯޒްލާއީ ދިން ބޯޅައަކުންނެވެ. މިއީ ޔުނައިޓެޑްގެ ޒުވާން މިޑްފީލްޑަރު، ކޮބީ މައިނޫ އަށް ހެދުނު ގޯހެއްގެ އެހީގައި ހޯދި ބޯޅައަކުން ތަނަވަސްކުރި ފުރުޞަތަކުން ކާމިޔާބުކުރި ގޯލެކެވެ.

މުޅި މެޗުގައި ވެސް ޔުނައިޓެޑަށް ލަނޑުޖަހާނެ މާ ރަނގަޅު ފުރުޞަތުތަކެއް ތަނަވަސްކުރެވިފައިނުވާއިރު، އެ ޓީމުން ފޮނުވާލި ދެ ހަމަލާއެއް ލިވަޕޫލްގެ ގޯލްކީޕަރު، އެލިސަން ބެކާ ވަނީ ހުއްޓުވައިފައެވެ.

މެޗަށްފަހު ލިވަޕޫލްގެ ކޯޗު، ސްލޮޓް ވަނީ، މެޗެއްގައި ކޯޗަކު ދެކެން ބޭނުންވާ ހުރިހާ ކަމެއް ޔުނައިޓެޑާ ދެކޮޅަށް ފެނިގެންގޮސްފައިވާ ކަމަށް ބުނެފައެވެ. އަދި އެ ޓީމުގެ ކީޕަރު، އެލިސަންގެ ފަރާތުން ފެނިގެންދިޔައީ ވަރަށް މުހިއްމު ދެ ސޭވްކަން ފާހަގަކޮށް، އޭނާގެ ޓީމުން ބޯޅަ ނެތިސް ދެއްކި ކުޅުމަށް ތައުރީފުކޮށްފައެވެ.

ލީގުގައި ލިވަޕޫލަށް ދެން އޮތީ އިންޓަނޭޝަނަލް ބްރޭކަށްފަހު މި މަހުގެ 14 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ނޮޓިންހަމް ފޮރެސްޓާ ބައްދަލުކުރާ މެޗެވެ.