ދުނިޔެ

ބްރެޒިލްގައި އޮލިމްޕިކް ގޭމްސް ބާއްވާތީ ކަންބޮޑުވުން ފާޅުކޮށްފި


މަދިރިން ފެތުރޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ ޒިކާ ވައިރަސް ފެތުރެމުން ދިއުމާއިއެކުވެސް ބްރެޒިލްގައި އޮލިމްޕިކް ގޭމްސް ބާއްވަން ތައްޔާރުވަމުންދާތީ ސަތޭކަ އަށްވުރެ ގިނަ ސައިންސްގެ މާހިރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިފަރާތްތަކުން ބުނެފައިވާ ގޮތުގައި ޒިކާ ފެތުރުން އެގޮތަށް އޮތްނަމަވެސް އޮލިމްޕިކް ގޭމްސް ފަސްކުރަން ނުވަތަ އެހެން ޤައުމަކަށް ބަދަލުކުރަން، ކަމާބެހޭފަރާތްތަކުން އެއްބަސްވެފައި ނުވާތީ އެކަމާ ކަންތައް ބޮޑުވާ ކަމަށާ، ޒިކާގެ ގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެދާނެ ނުރައްކާތެރިކަމަށް އެކަށީގެންވާ ސަމާލުކަން ދީފައި ނުވާ ކަމުގައެވެ. އަދި ބްރެޒިލްގައި އޮލިމްޕިކްގޭމްސް ބޭއްވުމުން، މިހާރު އެމެރިކާ ބައްރުގައި ފެތުރެމުން އަންނަ ޒިކާބަލި ދުނިޔޭގެ އެހެން ބައްރުތަކަށް ފެތުރިގެން ދިއުމުގެ ފުރުސަތު ބޮޑުކަމުގައެވެ.

ޒިކާގެ ސަބަބުން އޮލިމްޕިކް ގޭމްސް ބްރެޒިލް ފިޔަވާ އެހެން ގައުމަކަށް ބަދަލް ކުރުމަށް ގޮވާލެވުނު ގޮވާލުން ޤަބޫލުނުކުރެވޭނެކަމަށް ދުނިޔޭގެ ޞިއްހަތު ޖަމިއްޔާއިން ހޮނިހިރުދުވަހު ބުނެފައިވެއެވެ. އަދި ރާވާފައިވާ ގޮތަށް ބްރެޒިލްގައި އޮލިމްޕިކްގޭމްސް ބޭއްވުމަކުން މިހާރު ބަލިފެތުރެމުން އަންނަ ގޮތް ބަދަލް ވެގެން ނުދާނެ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފައިވެއެވެ.

ޒިކާއަކީ މާބަނޑުމީހުންގެ ބަނޑުގައިވާ ދަރިފުޅަށް އޭގެ އަސަރު ކުރުވާ ބައްޔަކަށް ބުމާއެކު މާބަޑު ދުވަސްވަރު ބްރެޒިލް އަށް ދަތުރު ނުކުރުމަށް ޑަބްލިއު އެޗްއޯ އިން ގޮވާލާފައިވެއެވެ. އަދި ހުރިހާފަރާތްތަކުންވެސް މަދިރިއަށް ރައްކާތެރިވުމަށް ގޮވާލާފައިވެއެވެ.

އޮލިމްޕިކްގޭމްސް އޮންނާނީ އަންނަ އޮގްސްޓްމަހު ބްރެޒިލްގެ ވެރިރަށް ރިއޯޑިޖެނޭރޯގައެވެ. މިގޭމްސްއަށްޓަކާ އެޤަމުން އަންނަނީ ވަރަށް ބޮޑެތި ތައްޔާރީ ތަކެއް ވަމުންނެވެ.