ކުޅިވަރު

އޭއެފްސީ ޗެލެންޖް ލީގަށް ތައްޔާރުވުމަށް މާޒިޔާއިން ފަރިތަކުރުންތައް ފަށައިފި


ކުރިއަށް އޮތް އޭއެފްސީ ޗެލެންޖް ލީގަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ފަރިތަކުރުންތައް ފަށައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މާޒިޔާއިން މިއަދު ހަވީރު ފަރިތަކުރުންތައް ފެށިއިރު، އެ ޓީމުން ދާދި ފަހުން ވަނީ އައު ކޯޗުގެ މަގާމަށް ސާބިއާއަށް ނިސްބަތްވާ ޑްރަގަން ޑުކަނޯވިޗް ހަަމަޖައްސާފައެވެ. ޔުއެފާ ޕްރޯ ލައިސަންސް ހާސިލުކޮށްފައިވާ އުމުރުން 54 އަހަރުގެ ޑްރަގަންގެ އެންމެ ބޮޑު މަސްއޫލިއްޔަތަކަށް ޗެލެންޖް ލީގަށް ޓީމު ތައްޔާރުކުރުން ހަމަޖައްސާފައިވާއިރު، އޭނާ އަކީ މާޒިޔާއަށް ހަމަޖެއްސި ބިދޭސީ ހަވަނަ ކޯޗެވެ.

ޗެލެންޖް ލީގަށް ސްކޮޑު ވަރުގަދަ ކުރަމުގެ ގޮތުން މާޒިޔާއިން ވަނީ ޒުވާން މިޑްފީލްޑަރު އަޙްމަދު އައިހަމްގެ ސޮއި ހޯދާފައެވެ. އަދި އުމުރުން 15 އަހަރުގެ އުއްމީދީ ތަރި މުޙައްމަދު އިލާން އިމްރާންވެސް ވަނީ އެ ޓީމާ ގުޅިފައެވެ. މީގެ އިތުރުން މާޒިޔާ އެކެޑަމީގެ ދެ ކުޅުންތެރިން ކަމަށްވާ އަނޫފް އަބްދުﷲ އާއި މުޙައްމަދު އައިމަން އަޙްމަދުވެސް ވަނީ ސީނިއާ ޓީމަށް ޕްރޮމޯޓް ކޮށްފައެވެ.

ހަމައެކަނި ދިވެހި ކުޅުންތެރިންނާއެކު މާޒިޔާއިން ފަރިތަކުރުންތައް ފެށިއިރު، ބިދޭސީ އައު ކުޅުންތެރިންވެސް އެ ޓީމާ ވަރަށް އަވަހަށް ގުޅޭނެ ކަމަށް މާޒިޔާއިން މައުލޫމާތުދެއެވެ.

އަންނަ އޮކްޓޯބަރު މަހުގެ ފަހުކޮޅު ޗެލެންޖް ލީގު ބާއްވާއިރު، އެ ލީގުގައި ރާއްޖޭގެ ޗެމްޕިއަން މާޒިޔާއާ އެއް ގްރޫޕެއްގައި ހިމެނެނީ ކުވެއިތުގެ އަލް އަރަބީ ސްޕޯޓްސް ކުލަބާއި، ތުރުކުމެނިސްތާންގެ އެފްސީ އަކްރަޑަގް އަދި ކިރްގިސްތާން އެފްސީ އަބްދީޝް އާޓާއެވެ. ސެންޓްރަލައިޒްކޮށް މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ކުވެއިތުގައެވެ.