ޚަބަރު

ސުއަރޭޒްގެ ލަނޑުތަކާއެކު އިންޓަރ މަޔާމީ މޮޅުވެ ތާވަލުގެ ކުރީގައި ހަމަޖެހިލައިފި


އެމެރިކާގެ މޭޖަރ ލީގު ސޮކަރ (އެމްއެލްއެސް) ގައި ޗިކާގޯ ފަޔާއާ ދެކޮޅަށް ކުޅުނު މެޗުގައި ލުއިސް ސުއަރޭޒް ޖަހައިދިން ދެ ލަނޑާއެކު 4-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށް، ތާވަލުގެ ކުރީގައި އިންޓަރ މަޔާމީ ހަމަޖެހިލައިފިއެވެ.

އިންޓަރ މަޔާމީ އިން ވަނީ ވަނީ ލީގުގައި މިހާތަނަށް ކުޅުނު 27 މެޗުން 59 ޕޮއިންޓް ހޯދާ ތާވަލުގެ އެއްވަނަ މަގާމް ހޯދާފަ އެވެ. ދެވަނައިގައި އޮތް ލޮސް އެންޖަލިސް ގެލެކްސީ އަށް 27 މެޗުން ލިބިފައިވަނީ 52 ޕޮއިންޓެވެ. އަދި ތިންވަނައިގައި އޮތް އެފްސީ ސިންސިނާޓީ އަށް ލިބިފައިވަނީ 51 ޕޮއިންޓެވެ.

ރަށުން ބޭރުގައި މަޔާމީ ކުޅުނު މި މެޗުގައި އެ ޓީމަށް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައެވެ. މި މެޗުގެ ފުރަތަމަ ލަނޑަކީ މެޗުގެ 25 ވަނަ މިނިޓްގައި ޗިކާގޯގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.

ލުއިސް ސުއަރޭޒް އޭރިޔާ ތެރެއަށްވަދެ ފޮނުވާލި ބާރު ހަމަލާ ކީޕަރު އަތުން ޖަހާ ބްލޮކޮ ކުރި ވަގުތު އެ ބޯޅަ ގޯލުގެ ތެރެއަށް ވަނީ ކުރިމަތީގައި ހުރި ސަލްކުއިސްޓްގެ ގައިގައި ޖެހިފަ އެވެ. އަދި އޭގެ ފަހުން ސުއަރޭޒް ފޮނުވާލި ހަމަލައެއް ވަނީ ގޯލުގެ ދަނޑީގައި ޖެހިފައެވެ.

މެޗުގެ ދެވަނަ ހާފްގެ ކުޅުން ފެށުނުތާ މިނިޓެއް ވެސް ނުވަނީސް ސުއަރޭޒް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

މި މެޗުގައި ސުއަރޭޒް ޖެހި ދެވަނަ ލަނޑު މެޗުގެ 65 ވަނަ މިނިޓުގައި ކާމިޔާބުކޮށްފައިވަނީ އަރިމަތިން ހުރަސް ކުރި ބޯޅައެއް އޭރިޔާ ތެރޭގައި ހުހަށްހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނިޓަށް ވެފައިވަނިކޮށް ޗިކާގޯގެ ކޮޓްސިއާސް ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފަ އެވެ.

ނަމަވެސް އިތުރު ވަގުތުގެ ކުޅުމުގައި ރޮބަޓް ޓޭލަރ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފަ އެވެ.

މި މެޗުގައިވެސް އިންޓަރ މަޔާމީގެ ލިއޮނެލް މެސީ ފެނިގެން ގޮސްފައެއް ނުވެއެވެ. ކޯޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ލިބުނު އަނިޔާއަށްފަހު އޭނާ އަދި މިހާތަނަށް އެއްވެސް މެޗެއް ކުޅެފައެއް ނުވެއެވެ.