ޚަބަރު

އެޗްޑީސީން އިސްލާމިކް ފައިނޭންސް އުސޫލެއް ތަޢާރަފްކޮށްފި


ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީން ދިގު މުއްދަތުގައި ފައިސާ ދައްކާ ގޮތަށް ވިއްކާ ހުރިހާ މުދަލެއް ވިއްކުމަށް "ބައިޢު މުއައްޖަލް" ގެ ނަމުގައި އިސްލާމިކް ފައިނޭންސް އުސޫލެއް ތަޢާރަފްކޮށްފިއެވެ.

ސްޓެލްކޯގެ ޖަލްސާކުރާ މާލަމުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ޚިދުމަތް ފައްޓަވައި ދެއްވީ ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދެވެ.

" ބައިޢު މުއައްޖަލް" އަކީ ދިގުމުއްދަތުގައި ފައިސާ ދައްކާ، މުދާ މިލްކު ކުރެވޭނެފަދަގޮތަކަށް އެޗްޑީސީން ތަޢާރަފް ކުރި އިސްލާމިކް ފައިނޭންސް އުސޫލެކެވެ. މި އުސޫލުގެ ދަށުން އެކުންފުނިން ވިއްކާ ޢިމާރާތްތަކާއި ފްލެޓާއި ބިމުގެ އިތުރުން އެ ކުންފުންޏަށް ވިއްކުމުގެ ހައްޤު ލިބިފައިވާ ކޮންމެ މުދަލެއްވެސް ވިއްކޭނެ ކަމަށް އެޗްޑީސީން ބުނެއެވެ. މި އުސޫލު ތަޢާރަފް ކުރުމާއެކު އެކުންފުނިން ކުރިއަށް އޮތްތާގައި ވިއްކާ ހުރިހާ މުދަލެއް ވިއްކާނީ މިއުސޫލުގެ ދަށުންނެވެ. މީގެ އިތުރުން އެޗްޑީސީން މީގެ ކުރިން ވިއްކާފައިވާ ބިމާއި ފްލެޓާއި ރޯހައުސްގެ އިތުރުން ޢިމާރާތްތަކުގެ، މުޢާމަލާތްތައް މިއުސޫލުގެ ދަށަށް ބަދަލު ކުރުމުގެ ފުރުޞަތުވެސް އެޗްޑީސީން ވަނީ ހުޅުވާލާފައެވެ.

img:http://s1.psmnews.mv/images/660x400/14645109553337.jpg|އެޗްޑީސީންގެ އިސްލާމިކް ފައިނޭންސް އުސޫލް "ބައިޢު މުއައްޖަލް" ތަޢާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް

" ބައިޢު މުއައްޖަލް" އިފްތިތާފް ކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދު ވިދާޅުވީ އިސްލާމިކް ފައިނޭންސިންގގެ ޚިދުމަތް ރާއްޖޭގައި ފުޅާކުރުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދެއްވައިގެން މަސައްކަތްތައް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި މިފަދަ ޚިދުމަތްތައް ކުންފުނިތަކުން ތަޢާރަފް ކުރުމަކީ ސަރުކާރުން ގެންގުޅުއްވާ ވިސްނުންފުޅު ޙަޤީގަތަކަށް ހެއްދެވުމަށް ލިބޭ ހިތްވަރެއްގެގޮތުގައި މިނިސްޓަރ ސިފަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ " ބައިޢު މުއައްޖަލް" އަކީ ޕްރޮޑަކްޓެއް ނޫން ކަމަށާއި އެއީ ކޮންސެޕްޓެއް ކަމަށެވެ.

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ސައިމަން ވިދާޅުވީ އެޗްޑީސީއާއެކު މީގެކުރިން ކޮށްފައިވާ މުޢާމަލާތްތަކުގައި ދަތި އުނދަގޫ ކަންތައްތަކެއް ކުރިމަތި ވެފައި ވާކަމަށެވެ. އެހެން ކަމުން އެފަދަ ކަންކަން ލުއިފަސޭހަކުރުމަށް ތައްޔާރުކުރާ އޮންލައިން ޕްލެޓްފޯމުގެ ޚިދުމަތް ދެތިން މަސްދުވަހުގެ ތެރޭ ފެށޭވަރު ވާނެކަމަށް ސައިމަން ވިދާޅުވިއެވެ. ސައިމަން ވިދާޅުވީ "ބައިޢު މުއައްޖަލް" ތަޢާރަފްކުރުމާއެކު، މުޢާމަލާތްތައް އިތުރަށް ފަސޭހަވެގެން ދާނެކަމަށެވެ.

އެޗްޑީސީއާއި އެކު މީގެ ކުރިން ކޮށްފައިވާ މުޢާމަލާތްތައް "ބައިޢު މުއައްޖަލް" އުސޫލަށް ބަދަކު ކުރެވޭނީ އެކަމަށްއެދި ހުށައެޅުމުން ކަމަށް އެޗްޑީސީން ބުނެއެވެ.