ވިޔަފާރި

އެންމެ ހިތްގައިމު ގޮނޑުދޮށްތަކުގެ މަންޒިލަކަށް ރާއްޖެ ހޮވިއްޖެ


އިޓަލީގެ ޓްރެވަލް އެވޯޑްސްތަކުގެ އޮސްކާގެ ގޮތުގައި ބެލެވޭ 'އިޓަލިއާ ޓްރެވަލް އެވޯޑްސް'ގެ އެންމެ ހިތްގައިމު ގޮނޑުދޮށްތަކުގެ މަންޒިލަކަށް ރާއްޖެ ހޮވިއްޖެއެވެ.

އިޓަލީގެ ވެރިރަށް ރޯމުގައި ބޭއްވި 'އިޓަލިއާ ޓްރެވަލް އެވޯޑްސް 2016'  ޝޯގައި ރާއްޖެއަށް މި އެވޯޑް ލިބިފައިވަނީ ސީޝެލްސް އަދި ޕޮލިނީޝިއާ އާއި ވާދަކޮށެގެންނެވެ. ރާއްޖޭގެ ފަރާތުން މި އެވޯޑާއި ހަވާލުވީ އިޓަލީން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އޮނަރަރީ ކޮންސިއުލަރ، ޖޯރްޖާ މަރަޒީއެވެ. 'އިޓަލިއާ ޓްރެވަލް އެވޯޑްސް 2016' ގައި ތަފާތު 15 ކެޓަގަރީއަކުން 43 އެވޯޑް ދީފައިވެއެވެ.

އިޓަލީއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިއްމު ޤައުމެކެވެ. ރާއްޖެއަށް އެންމެ ފުރަތަމަ ޒިޔާރަތްކޮށްފައިވަނީ  އިޓަލީގެ ފަތުރުވެރިންކަން ފާހަގަކޮށްލެވެއެވެ. ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 3 މަސްދުވަސްތެރޭ އިޓަލީން ރާއްޖެއަށް 27،167 ފަތުރުވެރިން އައިސްފައިވާއިރު މިއީ މިދިޔަ އަހަރުގެ އެމުއްދަތާއި އަޅާބަލާއިރު 4.5 އިންސައްތަ އިތުރު އަދަދެކެވެ.