ޚަބަރު

ފެރީއަކާއި މަސް ދޯންޏެއް އެކްސިޑެންޓްގެ 6 މީހަކަށް އަނިޔާވެއްޖެ


ކޫއްޑޫ މުއައްޒަފުން ތިބި ފެރީއެއް އެރަށު ފަޅުން ނުކުތް މަސް ދޯންޏެއްގައި ޖެހި ހިނގި ހާދިސާއެއްގައި 6 މުއައްޒަފަކަށް ހާނީއްކަ ވެއްޖެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އިން މަޢުލޫމާތު ދެއްވާ ގޮތުގައި މިޙާދިސާގައި 2 މީހަކު މޫދައްވެއްޓި އިތުރު ބަޔަކަށް ހާނީއްކަ ވެފައިވާތީ އެމީހުންނަށް ވިލިނގިލީގައި ހުންނަ ގއ.އަތޮޅު ހޮސްޕިޓަލުން ފަރުވާ ދެއްވަމުންދާކަމަށެވެ.

ވިލިނގިލީ ހޮސްޕިޓަލުން ވިދާޅުވީ، މިއަދު 10:30 ހާއިރު 6 މުއައްޒަފަކު އެހޮސްޕިޓަލަށް ގެނެވުނުކަމަށާއި، އެމީހުންނަށް ލިބިފައިވަނީ ކުދި ކުދި ހާނީއްކަ ތަކެއްކަމަށެވެ. އެއިން އެއްވެސް މީހެއްގެ ޙާލު ސީރިއަސް ނޫންކަމަށް ވިލިނގިލީ ހޮސްޕިޓަލުން މަޢުލޫމަތުދެއްވައެވެ.

މިއަދު ހެނދުނު ހިނގި މި ޙާދިސާގެ މަޢުލޫމާތު ލިބިގެން ޙާދިސާ ހިނގި ކޫއްޑޫ ބަނދަރަށް ވަންނަ ސަރަޙައްދުގައި ފުލުހުން ޙަރަކާތްތެރިވަމުންދާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.

ފުލުހުން ވިދާޅުވީ މިޙާދިސާ ހިނގައި ބަޔަކަށް ގެއްލުންވެގެން ދިޔައިރުވެސް ފުލުހުންނަށާއި، ކަމާބެހޭފަރާތްތަކަށް އަންގާފައި ނުވާކަމަށާއި، އެއީ ވަރަށް ހިތާމަ ހުރި ކަމެއްކަމަށެވެ.