ޚަބަރު

މުވައްޒަފުންގެ ޙައްޖު ސްކީމްގައި އެމްއެންޔޫއިން ބައިވެރިވެއްޖެ


މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ތަޢާރްފަކޮށްފައިވާ މުވައްޒަފުންގެ ސްކީމްގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބައިވެރިވެ، އެކަމުގެ އެއްބަސްވުމުގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާ ދެމެދު ސޮއިކޮށްފިއެވެ.

މުވައްޒަފުންގެ ސްކީމަކީ މަދު ޢަދަދެއްގެ ފައިސާ ކޮންމެ މަހަކު ދައްކަމުން ގޮސް، ފައިސާ ހަމަކޮށްގެން ޙައްޖަށް ދިއުމުގެ މަގު ތަނަވަސްކޮށްދޭ ސްކީމެކެވެ. މުވައްޒަފުންގެ ސްކީމްގެ އެމްއޯޔޫގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އަލީ ފަވާޒް ޝަރީފް ވިދާޅުވީ، މުވައްޒަފުންގެ ސްކީމްގައި ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބައިވެރިވީ މުވައްޒަފުންނަށް ފަސޭހައިން ޙައްޖަށް ދިއުމުގެ ފުރުޞަތު ފަހިކޮށްދެއްވުމުގެ ގޮތުން ކަމަށެވެ. ވައިސް ޗާންސެލަރ ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސަރޓީގައި ހަސަތޭކައެއް ހާ މުވައްޒަފުން މަސައްކަތްކުރަމުން ގެންދާ ކަމަށެވެ.

މިރަސްމިއްޔާތުގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޔާމީން އިދުރީސް ވިދާޅުވީ، މުއައްޒަފުންގެ ސްކީމްގައި ބައިވެރިވުމާއެކު ޙައްޖާއި، ޢުމްރާއަށް ދާން ފައިސާ ދެއްކުމުގެ ފުރުޞަތު  މުވައްޒަފުނުންނާ އެމުއައްޒަފުންގެ ޢާއިލާތަކަށް ލިބިގެންދާނެ ކަމަށެވެ. މުވައްޒަފުންގެ ސްކީމްގެ އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. އަލީ ފަވާޒް ޝަރީފެވެ. އަދި މޯލްޑިވްސް ޙައްޖ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޔާމީން އިދުރީސެވެ.

މުވައްޒަފުންގެ ސްކީމްގައި މިހާތަނަށް ސަރުކާރުގެ ސަތާރަ އިދާރާއަކުން ބައިވެރިވެފައިވާއިރު، ބައެއް ކުންފުނިތަކުންވެސް ވަނީ ބައިވެރިވެފައެވެ. އަދި މި ސްކީމަށް ބޮޑު ތަރުޙީބެއް ލިބެމުން ދާ ކަމަށް ޙައްޖު ކޯޕަރޭޝަނުން ފާހަގަކުރައްވައެވެ.