ދީން

ރޯދައަށް ތަޔާރުވުމަށް ބޭއްވި މަސައްކަތު ބައްދަލުވުން ނިމިއްޖެ


"ރަމަޟާން މަހަށް ތައްޔާރުވުން" މިނަމުގައި އިސްލާމިކް އެފެއާޒް މިނިސްޓްރީން ބޭއްވި ޚާއްސަ މަސައްކަތު ބައްދަލުވުން ނިމި ބައިވެރިންނަށް ހަނދާނީ ލިޔުން އަރުވައިފިއެވެ.

ރޯދައާ ގުޅޭ ތަފާތު މަޢުލޫމާތާއި، ރޯދައަށް ހުރެގެން އަމަލުކުރަންވީ ގޮތްތަކާއި ރޯދައިގެ ހެޔޮކަމުގެ މައްޗަށް މައުލޫމާތު ދިނުމަށް އިސްލާމިކް މިނިސްޓްރީން ހުޅުވާލި ފުރު ސަތުގައި އެކަމަށް އެދި ޝައުގުވެރިކަން ފާޅު ކުރެއްވި ފަރާތްތަކަށް ބޭއްވި އެއްދުވަހުގެ ވޯކް ޝޮޕުގެ ބައިވެރިންނަށް ސެޓް ފިކެޓް ހަވާލުކޮށްދެއްވީ އެކަމަށްޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލމުގައި ބޭއްވި ރަސްމިއްޔާތުގައި އިންޓަރނޭޝަނަލް ޔޫނިއަން އޮފް އިސްލާމިކް އެންޑް އަރަބިކް ސްކޫލުގެ ސެކްޓްރީ ޖެނަރަލް ޑރ. އަބްދުލް ފައްތާހް ސުލައިމާނެވެ.

މިރަސްމިއްޔާތުގައި މަސައްކަތު ބައްދަލުވުމުގެ ބައިވެރިންނާއި މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް އެފެއާޒް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ވިދާޅުވީ، އިސްނަގައިގެން އިލްމެއް ލިބިގަތުމަށް އެދި އިލްމު ހާސިލުކުރުމަކީ އެމީހެއްގެ ސިކުނޑި ތާޒާވެ އިތުރަށް ފުޅާވެގެންދާކަމެއް ކަމަށާއި، ބައިވެރިން ނިންމާލި ވޯކްޝޮޕުން އުންގެނުނު މަޢުލޫމާތު އެހެން މީހުންނަށްވެސް ފޯރުކޮށް ދެއްވުން މުހިންމުކަމަށެވެ.

އަންނަ ރަމަޟާން މަހަށް ޚާއްސަކޮށްގެން އިސްލާމިކް އެފެއާޒް މިނިސްޓްރީން ތަފާތު ހަރަކާތްތަކެއް ރާއްވަވާފައިވާއިރު، އާދަކާދައެއްގެ ގޮތަށް ހިންގާ މާހެފުމާއި، ތަރާވީސް ދިނުންފަދަ ހަރަކާތްތައް ކުރިއަށްގެންދަވާނީ، ދީނީ މައުލޫމާތު ދިނުންފަދަ ހަރަކާތްތައް ހިމަނުއްވާއިގެންކަމަށް އެމިނިސްޓްރީން މައުލޫމާތުދެއްވައެވެ. އަދި މިފަރުގެ އިމްސާކިއްޔާވެސް ހެދިފައިވާނީ ހަމައެކަނި މާލެއަށް ޚާއްސަ ކުރުމުގެ ބަދަލުގައި ރާއްޖޭގެ ހުރިހާ ރަށެއްގެ ނަމާދުވަގުތު ހިމަނައިގެން އޭގައި ކޮނެމްވެސް ކަހަލަ ދީނީ މެސެޖަކާއެކުކަން އިސްލާމިކް އެފެއާޒް މިނިސްޓްރީން ހާމަކުރައްވައެވެ.