ޔުއެފާ ޗެމްޕިއަންސް ލީގު ފަދައިން އާ ފޮމެޓަކަށް މި ސީޒަނުގައި ޔޫރޮޕާ ލީގު ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، އިނގިރޭސި ޕްރިމިއަރ ލީގުގެ މެންޗެސްޓާ ޔުނައިޓެޑް, އެ ޓީމުގެ ކުރީގެ ކޯޗު ޖޯސޭ މޮރީނިއޯގެ ފެނަބާޗޭއާ ދެކޮޅަށް ކުޅެން ޖެހިއްޖެއެވެ.
2017 ވަނަ އަހަރުގެ ޔޫރޮޕާ ލީގުގެ ފައިނަލުގައި މެންޗެސްޓަރ ޔުނައިޓެޑް ވަނީ 2-0 ގެ ނަތީޖާއަކުން އަޔަކްސް ބަލިކޮށް ޔޫރޮޕާ ލީގު މެންޗެސްޓަރ ޔުނައިޓެޑަށް ހޯދަދީފަ އެވެ. އޭނާ ވަނީ 2016 އިން 2018 އަށް ޔުނައިޓެޑަށް ކޯޗުކޮށްދީ އެ ކްލަބަށް ކާމިޔާބީތަކެއް ހޯދަދީފަ އެވެ.
ޔޫރޮޕާ ލީގުގައި އިނގިރޭސި ދެ ޓީމު މި ފަހަރު ވާދަކުރާއިރު މެންޗެސްޓަރ ޔުނައިޓެޑަށް ފުރުސަތު ލިބިފައިވަނީ އެފްއޭ ކަޕްގެ ޗެމްޕިއަންގެ ގޮތުގައެވެ. އަނެއް ޖާގަ އަކީ ލީގުގެ ފަސްވަނަ ހޯދައިގެން ޓޮޓްންހަމް ހޮޓްސްޕަރ އަށް ލިބިފައިވާ ޖާގަ އެވެ.
މޮނާކޯގައި އިއްޔެ ޔޫރޮޕާ ލީގުގެ ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވާއިރު, މި މުބާރާތުގައި މި ފަހަރު 36 ޓީމު ވާދަކުރާނެ އެވެ.
ހަތަރު ޕޮޓަކަށް 36 ޓިމު ބަހާލައިގެން, ކޮންމެ ޕޮޓެއްގައި 9 ޓީމު ހިމެނޭ ގޮތަށް ކުރިއަށް ގެންގޮސްފައިވާ ގުރުއަތުލުމުގައި ޓީމުތައް ބަހާލާފައިވަނީ ރޭންކިންއަށް ބެލުމަށްފަހުގަ އެވެ. ޗެމްޕިއަންސް ލީގެކޭ އެއް ގޮތަކަށް ޔޫރޮޕާ ލީގުގައިވެސް މީގެ ފަހުން ކޮންމެ ޓީމެއް ފުރަތަމަ ބުރުގައި އަށް މެޗު ކުޅޭނެ އެވެ. އަމިއްލަ ދަނޑުގައި ހަތަރު މެޗު އަދި ރަށުން ބޭރުގައި ހަތަރު މެޗު ކުޅޭނެ އެވެ.
ޔޫރޮޕާ ލީގުގައި ފައިނަލް މެޗު ކުޅުމަށްފަ ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މެއި މަހުގެ 21 ވަނަ ދުވަހު ސްޕޭނުގެ ބިލްބާއޯ ގައެވެ.